މަޖިލީހުގެ މެމްބަރުންގެ އަގު ވައްޓާލުމުގެ މަޤްސަދުގައި ވާހަކަދެއްކުން މަޖިލީހުގެ ރިޔާސަތުން ކުށްވެރިކޮށްފިއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ގެންދާ ކަމަށެވެ.
އެގޮތުން މެމްބަރުންގެ ފޮޓޯ އާންމުކޮށް މެމްބަރުންގެ މަސައްކަތްތަކާމެދު ސުވާލު އުފައްދާފައިވާ ކަމަށް މަޖިލީޙުގެ ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މެމްބަރުންގެ މަސައްކަތްތައް ލިސްޓުކޮށްފައިވާއިރު، އެއީ މެމްބަރުންގެ މަސައްކަތް ދައްކުވައިދޭ ހަމައެކަނި ވަސީލަތް ނޫންކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން މިހާރުވެސް ހުށަހަޅާފައިވާ ގިނަ ބިލުތަކަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލުތައްކަން އަބްދުއްރަޙީމް ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުންވެގެން މި އުޅޭ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ ސައިޓަށް ވަދެވަޑައިގެން ކޮންމެ އިއްޒަތްތެރި މެމްބަރެއްގެ ނަމަށް ވަކިން ފިއްތަވާލެއްވީމަ ފެނިވަޑައިގަންނަވާނެ މެމްބަރުން ހުށަހަޅުއްވާ ކުއްލިމައްސަލައާ ޤަރާރާ. އެ ފެނިވަޑައިނުގަތުމަކީ އެ މެމްބަރަކު މަސައްކަތް ނުކުރައްވާކަމަށް ބުނެވޭނެ ސަބަބެއް ނޫނޭ. މިހާރު ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ގިނަ ބިލުތަކަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް
މަޖިލީޙުގެ ރައީސް ވިދާޅުވީ، 20 ވަނަ މަޖިލީހަށް އަހަރެއްވެގެންދާއިރު، މަޖިލީހުގެ 93 މެމްބަރުން ބިލު ހުށަހަޅުއްވާފައި ނެތުމަކީ އެ މެމްބަރުން މަސައްކަތް ނުކުރުންކަމުގަށް ބެލޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މަސައްކަތަކީ ހަމައެކަނި ބިލު ހުށަހެޅުމާއި ޤަރާރު ހުށަހެޅުމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކޮމިޓީތަކުގައިވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ހާޒިރުވެގެންވެސް މެމްބަރުން މަސައްކަތް ކުރައްވާކަމަށެވެ.
އެހެންކަމުން އެ ކަންކަމަށް ބެލުމެއް ނެތި މަޖިލީހުގެ މެމްބަރުންގެ އަގު ވައްޓާލުމުގެ މަޤްސަދުގައި ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެ، ރިޔާސަތުން އެކަމުގެ ކަންބޮޑުވުން އޮތްކަން އަބްދުއްރަޙީމް ފާހަގަ ކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުން މީގެކުރިން ބަޔާނެއް ނެރެފައިވެއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެމްބަރުން މަޖިލީހަށް ސްޕޮންސަރ ކުރައްވާ ބިލުގެ އަދަދަކުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުން އާންމުކުރާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އާންމުންނަށް އެ މައުލޫމާތު އޮޅުންއަރާގޮތަށް ބޭނުން ނުކުރުމަށާއި، މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު އެކަން ކުރުމަށް ބަޔާނުގައި އެދިފައިވެއެވެ.
މީގެ އިތުރުން، މަޖިލީހާ ގުޅޭގޮތުން މައުލޫމާތު އާންމުކުރާއިރު، އެ މައުލޫމާތެއްގެ ތެދު ދޮގު ކަށަވަރު ކުރުމަށްފަހު އާންމު ކުރުމަށްވެސް އެދިފައިވެއެވެ.

