ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚީ ދަތުރު

ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓު 7 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ޤާނޫނު އަސާސީ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ތާރީޚީ ދުވަހެވެ. މި ދުވަހަކީ މިހާރު ޢަމަލުކުރަމުންދާ ”ފެހި ޤާނޫނު އަސާސީ“ ތަޞްދީޤުކުރެވުނު ދުވަހެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚަށް ބަލާއިރު، އެތައް މުހިންމު މަރުޙަލާއެއް ކަޑައްތުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ބަދަލުތަކާއެކު ޤާނޫނު އަސާސީއަށް ގެނެވިފައިވާ އިޞްލާޙުތަކަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ތަރައްޤީގެ މުހިންމު މަރުޙަލާތަކެވެ.

ދިވެހިރާއްޖޭގައި ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ދަށުން ދުސްތޫރީ ކަންކަން ހިންގަން ފެށުނީ 1932 ވަނަ އަހަރުގައެވެ. މި އެންމެ ފުރަތަމަ ޤާނޫނު އަސާސީގައި 92 މާއްދާ ހިމެނިފައިވެއެވެ. މީގެ ތެރޭގައި އަސާސީ ޙައްޤުތަކާއި، ވެރިކަން ހިންގުމުގެ ނިޒާމާއި، ޤާނޫނު ހަދާ މަޖިލީހާ ގުޅޭ އަސާސީ އުސޫލުތައް ހިމެނިފައިވެއެވެ. މި ޤާނޫނު އަސާސީއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދުސްތޫރީ ވެރިކަމެއްގެ ބިންގާ އެޅުނު ފުރަތަމަ ފިޔަވަޅެވެ.

ފުރަތަމަ ޤާނޫނު އަސާސީގެ ފަހުން، ދިވެހި ދައުލަތަށް އައި ބަދަލުތަކާއެކު ޤާނޫނު އަސާސީއަށް ގިނަ އިޞްލާޙުތަކެއް ގެނެވިފައިވެއެވެ. 1934 ވަނަ އަހަރު ދެވަނަ ޤާނޫނު އަސާސީ ވުޖޫދަށް އައެވެ. 1937 ވަނަ އަހަރު މި ޤާނޫނު އަސާސީއަށް އިތުރު އިޞްލާޙުތަކެއް ގެނެވުނެވެ. އަދި، 1942 ވަނަ އަހަރު ”ކުޑަ ޤާނޫނު އަސާސީ“ ގެ ނަމުގައި 17 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނު އަސާސީއެއް އިޢުލާނު ކުރެވުނެވެ. އޭގެ ފަހުން 1951 ވަނަ އަހަރު 70 މާއްދާގެ މައްޗަށް އެކުލެވޭ އައު ޤާނޫނު އަސާސީއެއް ތަޢާރަފުކުރެވުނެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ދުސްތޫރީ ހަމަތަކަށް ވާސިލުވުމަށް ދިވެހި ޤައުމުން ކުރި މަސައްކަތްތަކުގެ މުހިންމުކަމެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ގުޅިގެން، 1953 ވަނަ އަހަރު އައު ޤާނޫނު އަސާސީއަކަށް ޢަމަލުކުރަން ފެށުނެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއެވެ. ނަމަވެސް މި ޖުމްހޫރިއްޔަތު ކުރު މުއްދަތަކަށްފަހު ނިމުމަކަށް އައިސް، 1954 ވަނަ އަހަރު އަލުން ރަސްކަމުގެ ނިޒާމަށް ރުޖޫޢަވެ، އައު ޤާނޫނު އަސާސީއެއް ތަޢާރަފުކުރެވުނެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، ދެވަނަ ޖުމްހޫރިއްޔަތު ޤާއިމުވުމާއެކު 1968 ވަނަ އަހަރު އައު ޤާނޫނު އަސާސީއެއް ވުޖޫދަށް އައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ޤާނޫނު އަސާސީއެވެ. މި ޤާނޫނު އަސާސީއަށް 1970، 1972، އަދި 1975 ވަނަ އަހަރު މުހިންމު އިޞްލާޙުތަކެއް ގެނެވުނެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގިނަ ދުވަސްތަކެއް ވަންދެން ޢަމަލުކުރުމަށްފަހު، 17 އަހަރުގެ ދިގު މަސައްކަތަކަށްފަހު 1998 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު ”ނޫ ޤާނޫނު އަސާސީ“ އަށް ޢަމަލުކުރަން ފެށުނެވެ. މި ޤާނޫނު އަސާސީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތެވެ. މި ޤާނޫނު އަސާސީ މެދުވެރިކޮށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ގިނަގުނަ ކުރިއެރުންތަކެއް ގެނެވުނެވެ.

2004 ވަނަ އަހަރު ފެށުނު ފުޅާ ދާއިރާއެއްގެ އިޞްލާޙީ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2008 ވަނަ އަހަރުގެ އޮގަސްޓު 7 ވަނަ ދުވަހު މިހާރުގެ ”ފެހި ޤާނޫނު އަސާސީ“ ތަޞްދީޤުކުރެވުނެވެ. މި ޤާނޫނު އަސާސީއަކީ ދިވެހި ދައުލަތުގެ ތާރީޚުގައި އެންމެ ބޮޑު ސިޔާސީ ބަދަލެއް ގެނެސްދިން ޤާނޫނު އަސާސީއެވެ. މި ޤާނޫނު އަސާސީގައި ބަހުސްގެ ދޮރު ހުޅުވާލެވިފައިވާ މަލްޓި-ޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި، ވެރިކަމުގެ ތިން ބާރު ވަކިކުރުމުގެ އުސޫލާއި، ޗެކްސް އެންޑް ބެލެންސަސްގެ ނިޒާމާއި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ވަނީ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚަށް ނަޒަރު ހިިންގާލުމުން، ޤައުމުގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެން ޤާނޫނު އަސާސީއަށްވެސް ގިނަގުނަ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. މިއަދު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަކީ ޒަމާނީ ޑިމޮކްރަސީގެ އަސާސްތައް ހިމެނޭ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދޭ، އަދި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ ޤާނޫނު އަސާސީއެކެވެ.

ޤާނޫނު އަސާސީގެ ތާރީޚީ ދަތުރުގައި ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާވެ، އަދި އިންސާނީ ޙައްޤުތަކަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެފައިވާކަން ހިމެނެއެވެ. މިގޮތުން، ކޮންމެ އައު ޤާނޫނު އަސާސީއަކާއެކު ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިފައިވެއެވެ.

ޤާނޫނު އަސާސީ ދުވަސް ފާހަގަކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އަދި ދުސްތޫރީ ތަރައްޤީގެ ދަތުރު ހަނދާންކޮށް، ޤާނޫނުގެ ވެރިކަމުގެ މުހިންމުކަން އަލުން ހަނދާންކޮށްދޭ ފުރުޞަތެކެވެ. އަދި މިއަދުގެ ޖީލުތަކަށް ޤާނޫނު އަސާސީގެ އަގު ވަޒަންކުރުމާއި، އޭގެ މަތިވެރި މަޤްޞަދުތައް ދެމެހެއްޓުމުގެ މުހިންމުކަން އަންގައިދޭ ދުވަހެކެވެ.

ޤާނޫނު އަސާސީގެ ތާރީޚީ ދަތުރުގައި ފާހަގަކޮށްލެވޭ އެހެން މުހިންމު ކަންތައްތަކުގެ ތެރޭގައި، ޤާނޫނު އަސާސީގެ މާއްދާތައް މާނަކުރުމުގައި ޝަރުޢީ ކޯޓުތަކުގެ ދައުރު އިތުރުވެފައިވުމާއި، ޤާނޫނު އަސާސީގެ ރޫޙާ އެއްގޮތަށް ޤާނޫނުތައް މާނަކުރުމުގެ އުސޫލުތައް ތަރައްޤީވެފައިވުން ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ ދަށުން ޤާއިމުކުރެވިފައިވާ މިނިވަން މުއައްސަސާތަކުގެ ދައުރު ފުޅާވެ، އެ މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާވެފައިވާކަން ފާހަގަކުރެވެއެވެ.

ޤާނޫނު އަސާސީގެ ތަރައްޤީއާއެކު، ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ވެސް ވަނީ ފުޅާވެފައެވެ. މިގޮތުން، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އެފަދަ މުޢާހަދާތަކުގެ މާއްދާތައް ޤައުމީ ޤާނޫނުތަކަށް ތަރުޖަމާކުރުމުގެ އުސޫލުތައް ވަނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި ފާހަގަކުރެވިފައިވެއެވެ.

ޤާނޫނު އަސާސީގެ ތާރީޚީ ދަތުރުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ބައެއް ފަހަރު ޤާނޫނު އަސާސީގެ މާއްދާތައް މާނަކުރުމުގައި ދިމާވާ ޚިޔާލު ތަފާތުވުންތަކާއި، ޤާނޫނު އަސާސީގެ ރޫޙާ އެއްގޮތަށް ޤާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި، ޙައްލުތައް ހޯދުމަށް މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިފައިވެއެވެ. މި ދަތުރުގައި ދިވެހިރާއްޖެ ވަނީ ރަސްކަމުގެ ނިޒާމުން ފެށިގެން، ޒަމާނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ބަދަލުވެފައެވެ.

ޤާނޫނު އަސާސީގެ ތަރައްޤީއާއެކު، ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމަށްވެސް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ. މިގޮތުން، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަށް މަގުފަހިކޮށްދީ، ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުކުރެވި، އަދި ވޯޓުލުމުގެ ޙައްޤު އިތުރަށް ފުޅާކުރެވިފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އަޑު އިތުރަށް އުފުލިފައިވެއެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ތާރީޚީ ދަތުރަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގެ މުހިންމު ބައެކެވެ. މި ދަތުރުގައި ދިވެހިރާއްޖެ ވަނީ ތަފާތު ގިނަ މަރުޙަލާތަކެއް ކަޑައްތުކޮށް، ޒަމާނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ވާސިލުވެފައެވެ. ކޮންމެ އައު ޤާނޫނު އަސާސީއަކާއެކު ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: