ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހްގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތުހުމަތުކޮށްފައިވާތީ ފުލުހުންނަށް ދައުވާކުރުމާ މެދު މަޝްވަރާކޮށްފިއެވެ.
”ސަންގަށް“ މައުލޫމާތު ދެއްވަމުން ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ އެންއައިސީން ފުލުސް އޮފިސަރުންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ ޢަމަލުތަކާއި، ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަގަމަގޮތުގައި ބޭނުންކުރުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމާއި އަދި ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަަސްއެޅުން ކަމަށެވެ.
ޝަފީއު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހްގީގުކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ގެނެސް ދައުވާކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މިހާރު ހުރި ހެކިތަކުން ދައުވާކުރެވޭ ވަރަށް ހެކި ހުރިތޯ ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފައެވެ.
10 ސެޕްޓެމްބަރ 2024ގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މައްސަލަގައި ގިނަ ކަންތައްތަކެއް އޭނާގެ އާއިލާއިންވެސް ވަނީ ތުހުމަތުކޮށްފައެވެ. މިއަދާ ހަމައަށް މަރުގެ ޙަޤީޤަތް ހޯދުމުގައި އެކަށީގެންވާ ތަޙްޤީޤެއް ހިންގިފައިވާ ކަމުގައި އާއިލާއިން ނުދެކޭ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
ތަޙްޤީޤު މަރުޙަލާގައި ހަދާފައިވާ ބައެއް ގޯސްތައް ޚުދު މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރ ވެސް ފާހަގަކޮށްފައިވާ ކަމަށް އޭނާގެ ވަކީލު ފާހަގަކޮށްފައިވެއެވެ. އެގޮތުން، އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމާއި، އެއީ ތަޙްޤީޤު މަރުޙަލާގައި ހެދުނު ގޯހެއް ކަމަށް 26 ފެބްރުއަރީ 2025 ގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ދެބޭޅުން ދެއްކެވި ވާހަކަފުޅުގައިވެސް އެކަން ފާހަގަކުރެއްވި ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.
ނިމުނު ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޮޅުދުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޒަކިއްޔާގެ އާއިލާ އާ ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ އާއިލާއިން ވަނީ އޭނާގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އިންސާފު ގާއިމްކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިފައެވެ.

