ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ފަންޑް: ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މުހިންމު ވަސީލަތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ފަންޑަކީ ޤައުމުގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޤާއިމުކުރެވިފައިވާ މާލީ ވަސީލަތެކެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ބަލިމަޑުކަމާއި ޞިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފަންޑު ޤާއިމުކުރެވުނު މަޤްޞަދު

ޕަބްލިކް ހެލްތް ފަންޑު ޤާއިމުކުރެވިފައިވަނީ ބަލިތަކަށް ފަރުވާދިނުމަށްވުރެ، ބަލިތައް ކުރިމަތިވިޔަ ނުދިނުމަށް އިސްކަންދިނުމުގެ މުހިންމުކަންަން ދެނެގަނެ، އެކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންނެވެ. މީގެ ތެރޭގައި:

• ޢާންމު ޞިއްޙަތު ދެމެހެއްޓުމާއި ކުރިއެރުވުން
• ބަލިމަޑުކަމުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލްކުރުން
• ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި ޞިއްޙީ ތަޢުލީމު ފެތުރުން
• ޢާންމު ޞިއްޙަތާގުޅޭ ދިރާސާތަކާއި އިނޮވޭޓިވް ޙަރަކާތްތައް ހިންގުން

ފަންޑަށް ލިބޭ އާމްދަނީ

މި ފަންޑަށް ފައިސާ ލިބޭ މައިގަނޑު ގޮތްތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ފައިސާ، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ލިބޭ ހިލޭ އެހީ، އަދި އެކިއެކި ޚިދުމަތްތަކުން ލިބޭ އާމްދަނީ ހިމެނެއެވެ. ޚާއްޞަކޮށް:

• ޞިއްޙީ ދާއިރާގެ ލައިސަންސް ފީގެ ގޮތުގައި ލިބޭ ފައިސާ
• ޕަބްލިކް ހެލްތް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ ފައިސާ
• ޞިއްޙީ ދިރާސާ ރިޕޯޓުތައް ވިއްކައިގެން ލިބޭ ފައިސާ
• ޞިއްޙީ ޤަވާޢިދުތަކާ ޚިލާފުވުމުން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ
• ދުންފަތުގެ އިމްޕޯޓް ޑިއުޓީން ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މިންވަރު

ފަންޑުގެ ބެލެހެއްޓުމާއި ޒިންމާދާރުކަން

ފަންޑުގެ މާލީ ކަންކަން ބެލެހެއްޓުމާއި ހިންގުމުގެ އެންމެހައި ޒިންމާ އުފުލަނީ ޞިއްޙީ ދާއިރާއާ ޙަވާލުވެ ހުންނަވާ ވަޒީރެވެ. މި ފަންޑުގެ ފައިސާ ބޭނުންކުރެވޭނީ ހަމައެކަނި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސީދާ ގުޅުންހުރި ކަންކަމަށް ކަމަށް ޤާނޫނީ ގޮތުން ކަށަވަރުކުރެވިފައިވެއެވެ.

ފަންޑުގެ ފައިސާ ބޭނުންކުރެވޭ ދާއިރާތައް

ފަންޑުގެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ:

• ބަލިމަޑުކަން ކޮންޓްރޯލްކުރުމާއި ބަލިތަކުން ރައްކާތެރިވުމުގެ ޕްރޮގްރާމްތައް ހިންގުމަށް
• ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް ހިންގުމަށް
• ޞިއްޙީ ދިރާސާތައް ކުރުމާއި އިނޮވޭޓިވް ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް
• ޢާންމު ޞިއްޙަތާގުޅޭ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް
• ޞިއްޙީ ކުއްލި ޙާލަތްތަކަށް ތައްޔާރުވުމާއި އެފަދަ ޙާލަތްތަކުގައި އިސްތިޖާބަދިނުމަށް

ބަޖެޓު ކަނޑައެޅުން

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކުރާއިރު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތަކަށް އެކަށީގެންވާ މިންވަރެއްގެ ފައިސާ ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ލާޒިމުކުރާ ކަމެކެވެ. މިގޮތުން ކަނޑައެޅޭ ބަޖެޓަކީ ފަންޑުގެ މުހިންމު އާމްދަނީއެއްގެ ގޮތުގައި ބެލެވެއެވެ.

ޕަބްލިކް ހެލްތް ފަންޑުގެ ހަރުދަނާކަން

ޕަބްލިކް ހެލްތް ފަންޑުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަނޑައަޅާފައިވެއެވެ. އެޭގެތެރޭގައި

• ފަންޑުގެ މާލީ ހިސާބުތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަހަރަކު އެއްފަހަރު އޮޑިޓްކުރުން
• ފަންޑުގެ ޙަރަކާތްތަކާއި ޚަރަދުތަކުގެ ތަފްޞީލީ ރިޕޯޓު އަހަރަކު އެއްފަހަރު ޢާންމުކުރުން
• ފަންޑުގެ ބޭނުންކުރުުރުމުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި އުޞޫލުތަކެއް ގެންގުޅުން
• ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ބޯޑެއް އެކުލަވާލުން

 

ޕަބްލިކް ހެލްތް ފަންޑަކީ ދިވެހިރާއްޖޭގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެޅިފައިވާ އިސްތިރާޖީ އަދި ދުރުވިސްނުންތެރި ފިޔަވަޅެކެވެ. މި ފަންޑުގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދެމެހެއްޓެނިވި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ލިބިގެންދެއެވެ. މިއީ ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްގެ އިތުރުން، ޤައުމުގެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ އިންވެސްޓްމަންޓެކެވެ. މި ފަންޑުގެ ކާމިޔާބީއަކީ މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ މުހިންމު ބިންންގަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: