ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރުގައި އިން ޒުވާނާގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރި ގޮތަކަށް ކާރު ދުއްވި މައްސަލައިގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ވަނަވަރު ހާމަކޮށްފައިވާއިރު، އެއީ 18 އަހަރުގެ ޒުވާނެކެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ.ފިލިމާގެ / އައިކް ހައިޝަމް ހަސަނެވެ.
ހައްޔަރުކުރި ދެވަނަ މީހާ ވަނީ ފުލުހުން ދޫކޮށްލައިފައެވެ. ރޭ ސޯޝަލް މީޑިއާގައި ވަނީ ކާރެއްގެ ފަހަތުން ފުލުހުންގެ ކާރު ދުއްވަމުންދާ ވީޑިއޯއެއް އާއްމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުންނަމަ، ބާރު ސްޕީޑުގައި ކާރު ދުއްވުމުގެ ސަބަބުން އެ ކާރު ހުއްޓުވުމަށްޓަކައި ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. އެ ކާރު ހުއްޓުވާފައި ވަނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖާ މާ ދުރުނޫން ހިސާބެއްގައި، ފުރަތަމަ ފިޔަވަހީގެ ބީޗު ކައިރިންނެވެ.
ފުލުހުން ރޭ ބުނީ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.
އެހެންވެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާވި ފުލުހަށް ފަރުވާދެމުން އަންނަ ކަމަށް، ފުލުހުން މައުލޫމާތު ދިނެވެ. އަނިޔާވި ފުލުހާ ގުޅޭ އިތުރު މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އަނިޔާވި ފުލުހަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާ ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

