ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރު: އެންއައިސީން ތަހުގީގު ކުރުމަށްފަހު 7 އޮފިސަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

ޒަހަމްތަކާއިއެކު މަރާލާފައިއޮއްވާ ފެނުނު ޒަކިއްޔާ މަރުވީ އަމިއްލަޔަށް ކަމަށް އެރަށުގެ މީހުން ގަބޫލު ނުކުރޭ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު 7 އޮފިސަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލު ”ސަންގަށް“ ވިދާޅުވީ، މި މައްސަލައިގައި އެންއައިސީން ތަހުގީގު ކުރުމަށްފަހު 7 އޮފިސަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ހުރި ތުހުމަތުތައް ދިރާސާ ކުރުމަށްފަހު، ދައުވާ ކުރުމާމެދު ޕީޖީ އޮފީހުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންއައިސީން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ ޢަމަލުތަކާއި، ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމާއި އަދި ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން ހިމެނޭ ކަމަށެވެ.

އެހެންކަމުން އެ ތުހުމަތުތައް ދިރާސާ ކުރުމަށްފަހު ދައުވާ ކުރެވެން ހުރި މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާ ކުރާނެ ކަމަށާއި، ތަހުގީގު އިތުރަށް ފުރިހަމަ ކުރަންޖެހޭ މައްސަލައެއް ހުރިނަމަ އަނބުރާ ފޮނުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެންއައިސީން ހަތް ފުލުހެއްގެ މައްސަލަ ޕީޖީއަށް ފޮނުވިއިރު މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ހާއްސަ ކޮމިޝަނަކާއިއެކު ހާއްސަ އިންކުއެރީއެއް ހެދައިދެެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އއާއިލާގެ ފަރާތުން ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.

ޒަކިއްޔާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ ބުނެފައި ވަނީ ފުލުހުންގެ އިހުމާލު ފޮރުވުމަށް އެތައް ކަމެއް ކޮށްފައިވާކަމެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މޫސާ މަރުވީ އަމިއްލަ އަށް ކަމަށް ޢާއިލާ އަށާއި ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށް ޝަޒިއްޔާ ވަނީ ބުނެފައެވެ.

ޒަކިއްޔާގެ މަރާއި ގުޅިގެން ރައީސްއަށް ފޮނުވި ސިޓީގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހާމަކޮށްފައެވެ. އެގޮތުން:

  • ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ކުރީގެ ސީޕީ އަލީ ސުޖާއު، ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާއިރު، އިހުމާލުވި ފުލުހަކަށް ފިޔަވަޅު އަޅާފައި ނުވުން
  • ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ހޯދުމަށް ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބެއް ދީފައި ނުވުން
  • އަމިއްލައަށް ވަޅި އަޅާފައިވާ ކަމަށް ބުނާނަމަ 8 ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަން ބުނެދެން ޖެހޭކަން
  • ވާޗުއަލް އޮޓޮޕްސީ ހެދުމަށް 3ޑީ ސްކޭނެއް ކުރިތޯ ސުވާލުކުރުން އެ ސުވާލަށް ފުލުހުން ޖަވާބުދީފައިނުވުން
  • ނަގާފައިވާ ހެކިބަހުގައި ގެވެށި އަނިޔާ އަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިއިރު ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކޮށްފައި ނުވާކަން

މީގެއިތުރަށް އެ ސިޓީގައި ފާހަގަކޮށްފައިވަނީ ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސާ އަމިއްލަ އަށް މަރުވީ ކަމަށް ދެއްކުމަށް ކަމަށެވެ. އަދި ކަމުގެ ޙަޤީޤަތް ހޯދުމަށް ބޭނުން ނުވާކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ ތަން ކަމަށް ޝަޒިއްޔާ ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލަ ތަޙްޤީޤުކުރާ ކަމަށްބުނެފައިވާކަމަށާއި އަދި އޭގެ ފަހުންވެސް 7 މަސް ފާއިތުވިއިރު އެކަމަށް އެއްވެސް ތަހުގީގެއް ކޮށްފައިނުވާކަމަށް ޝަޒިއްޔާވަނީ ބުނެފައެވެ. ޝަޒިއްޔާ ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤުން ފުލުހުން އެކެހެރިކޮށް ފުލުހުންގެ ތަޙްޤީޤާ ގުޅޭ ޚާއްޞާ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަޙުޤީޤުގައި ފުލުހުން ޢަމަލު ކުރިގޮތަށް ބަލާއިރު، ޒަކިއްޔާ މޫސާގެ މަރުގެ ތަޙްޤީޤުގައިވެސް އެއްގޮތަކަށް ޢަމަލުކޮށް މައްސަލައިގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ޝަޒިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: