ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ޚިދުމަތް ދިނުން: ޝަރީފް

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ރައީސް ޑރ މުއިއްޒުއާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ޚިދުމަތްދިނުންކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ، ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ނުދެވި އޮތް 10 ރަށުގައި އޭޓީއެމް ޚިދުމަތް ދޭން ފެށި، މުޅި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފެށިފައިވާތީ އެކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވިދާޅުވީ، މިއީ ބ. އަތޮޅަށް ވަރަށްވެސް ތާރީޚީ ދުވަހެއް ކަމަށާއި، މިހާރު އޭޓީއެމް ޚިދުމަތް މުޅި އަތޮޅުގައި ފެށިފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ’ މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް‘ ނަމުގައި ފެށި ޚާއްސަ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަކުރި ލަނޑުދަނޑިއެއްކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވަނީ ބީއެމްއެލްގެ ތާރީޚަށްވެސް އަލިއަޅުވާލައްވާފައެވެ.

ބީއެމްއެލް އިން ރާއްޖޭގައި އޭޓީއެމް ޚިދުމަތް ދޭން 2000 ވަނަ އަހަރު އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް، މާލޭގައި އަޅުގަނޑުމެން 5 އޭޓީއެމް ބެހެއްޓިން. އެއަށްފަހު އަތޮޅުތެރެއަށް އޭޓީއެމް ޚިދުމަތް ދޭން ފެށުނީ އޭގެ 7 އަހަރުފަހުން. 2007 ވަނަ އަހަރު އެ މަސައްކަތުގެ ދަށުން 19 ރަށެއްގައި އޭޓީއެމް ބެހެއްޓުނު. 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމަޔަށް އިތުރު 68 ރަށުގައި އޭޓީއެމް ޚިދުމަތް ފެށި.

ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލައެކު 96 ރަށެއްގައި އޭޓީއެމް ޚިދުމަތް ދެމުން ގޮސްފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މީގ އިތުރުން، ދިވެހިރާއްޖޭގައި އޭޓީއެމް ޚިދުމަތް ދޭން ފެށިތާ 25 އަހަރުވީއިރު، މީހުން ދިރިއުޅޭ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ރަށްތަކަކަށް މި ޚިދުމަތް ގާއިމްވެފައި ނެތުމުން ރައްޔިތުންނަށް އަސާސީ ބޭންކިންގ ޚިދުމަތް ހޯދުމަށް ޚަރަދުތަކެއް ކުރަން ޖެހޭކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ހާލަތު މިހެން އޮތަތީވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުންމީދަކަށްވީ  ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ތިބގެންވެސް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އޮތުން. ދަތުރުކުރަން ނުޖެހި ބޭނުން ވަގުތަކު އަސާސީ ބޭންކިންގ ލިބޭނެ މަގުފަހިވެފަ އޮތުން. އެހެންކަމުން މިދިޔަ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ’ މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް‘ މަޝްރޫއު ފައްޓަވައި ދެއްވައި ވީހާވެސް އަވަހަކަށް މި މަޝްރޫއު ނިންމައި ދިނުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި.

ޝަރީފް ވިދާޅުވީ، މި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކު ބޭންކް އޮފް މޯލްޑިވްސްއާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ބޮޑު ބިޔަ މަޝްރޫއެއްކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވަނީ މި މަސައްކަތްތައް ފުރިހަމަ ކުރުމުގައި އެހީތެރިވި ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: