އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރުން ”ވިޜަން އޮފް ގްރޭޓަރ އިޒްރޭލް“ ގެ ނަމުގައި އިޢުލާނުކުރި އިޒްރޭލުގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަޞައްވުރަށް ދިވެހިރާއްޖެއިން އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ”ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން“ ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްޠީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އަދި ފަލަސްޠީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްޙައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި އަޅަމުން ގެންދާ ފިޔަވަޅުތައް ރައީސް ވަނީ ތަކުރާރުކޮށް ކުށްވެރި ކުރައްވާފައެވެ. އެގޮތުން ދާދިފަހުން އެ ގައުމުގެ ކެބިނެޓުގެ ނިންމުންވެސް ބަލައި ނުގަންނަ ކަމަށް ވިދާޅުވެ އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކުރައްވާފައެވެ.

