މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށައަޅާފައިވާ ބިލަކީ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހް ވިދާޅުވީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށެވެ.
ސޯލިހް ވިދާޅުވީ މީޑިއާތައް އުވާލައި ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށެވެ. މި ބިލަކީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރު ހަންނާން ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. ހަންނާން ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެކެވެ. އަދި މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުމަށް ވަނީ އެދިފައެވެ.
މި ބިލާއި ގުޅިގެން މަޖިލީހުގެ އިދިކޮޅު ޕާޓީގެ މެމްބަރުން ވަނީ އެ ބިލަކީ ސަރުކާރުން ބުނެގެން ހުށައެޅި ބިލެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަން ސަރުކާރުގެ މެމްބަރުން ވަނީ ދޮގުކޮށްފައެވެ.

