ރަށުގެ ތަރައްގީއަށް ރައްޔިތުން އެދޭ ކަންކަމަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައި، ހައްލު ގެނައުމަށް ވަގުތުން ފިޔަވަޅު އެޅުމަކީ މި ސަރުކާރުން ބޭނުންވާ ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ބޮޑުފުޅަދޫގެ ވެސް ކައުންސިލާއި ބައްދަލުކޮށް ރަށާއި ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ އެންމެ ބޮޑެތި ދަތިތަކަކީ ކޮބައިތޯ ބަލައި ވަގުތުން ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވިިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ ރަށްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިިކަމުގެ ދަތިތަކެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޮޑުފޮޅުދޫގެ ބިން ދޫކުރުން ނުވަތަ ބޯހިޔާވަހިކަމާއި ގުޅުން ހުރި މަސައްކަތެއް ނެތް ނަމަވެސް އަންނަ އަހަރު ރައްޔިތުން އެދޭ ގޮތަށް މި މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަށުގެ ތަރައްގީއަށް މި ސަރުކާރުން ދާނީ މަސައްކަތް ކުރަމުން.. ރައްޔިތުން އެދޭ ފުރިހަމަ ތަރައްގީ ގެނެސްދިނުމަށް.. އަޅުގަނޑު އެދެނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ.. އިދާރާތަކާއި ކުންފުނިތަކާއި އެކު މަޝްވަރާކޮށް ރައްޔިތުންނަށް އެކަންކަން ހުށަހަޅައިގެން..
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތަކަށް ވާނީ، ރައްޔިތުން އެދޭ ފުރިހަމަ ތަރައްގީ ގެނެސްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހުރިހާކަމެއްގައި ވެސް ހޯދައި، ކުންފުނިތަކާއި އެކު އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މިފަހުން ބޭއްވި އެކި ޖަލްސާތަކުގައި ރައީސް ވަނީ، ބޮޑެތި ޓީމުތަކާއި އެކު މި ދަތުރުތައް ކުރައްވާ ސަބަބު ތަފްސީލުކޮށް ދެއްވާފަ އެވެ. ރައީސް ވިދާޅުވީ މައްސަލައެއް ހައްލު ކުރުމަށް ދުވަސްތައް ދިގުލައި ގޮސް އެކި އިދާރާތަކާއި ބައްދަލުކޮށް ސިޓީތައް ފޮނުވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން މި ދަތުުރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ބައިވެރިވާއިރު މަޝްރޫއުއެއް ކުރިޔަށްދާ ގޮތާއި، އެ މަޝްރޫއުއެއް ގޮސްފައިވާ ހިސާބުގެ އަދާހަމަތައް ކައުންސިލާއި ފަސޭހަކޮށް ހިއްސާ ކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއުތައް ރޭވިފައިވާ ގޮތާއި މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބައެއް ފަހަރު ޕެޓިޝަންތަކާއި ސިޓީތައް ވެސް ލިބެ އެވެ. އެހެންކަމުން ކުރީގައި އިއުލާނު ކުރެވި ކުރިޔަށްދާ މަޝްރޫއެއްގެ ނަތީޖާއާއި މެދު ރައްޔިތުންގެ ކަންބޮޑުވުމެއް އޮތް ނަމަ މި ދަތުރުފުޅުތަކުގައި އެކަމަށް މަޝްވަރާ ކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.

