މާލޭގެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އިތުރު ޑްރެޖަރުތަކެއްގެ ބޭނުން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފި އެވެ.
އެޗްޑީސީ އާންމު ކުރި ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މާލޭގެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފައިވާ ގިރާވަރުފަޅުގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރު އަދި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބިންހިއްކުން އަވަސް ސްޕީޑެއްގައި ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އެޗްޑީސީ ބުނީ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރަމުންދާކަމަށެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިވަގުތު މި ސަރުކާރުން ކުރިޔަށް ގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ، ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓެވެ. އަދި ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅުގެ އިތުރުން ގިރާވަރު ފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާތަނަށް ރަސްމާލެ މަޝްރޫޢުގެ 129 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާއިރު، ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް އަވަސް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެތަން ވެގެންދާނީ ހުޅުމާލޭ ފޭސް 2 ހިމެނޭހެން، ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއަކަށެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ރަސްމާލެ ތަރައްޤީކުރާއިރު، އެތަން ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އަދި، އެތަނުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ މުޅި ބޯހިޔާވަހިކަމުގެ މައްސަލައިގެ ”ޓޯޓަލް ސޮލިއުޝަން“ އެވެ.
2023 ވަނަ އަހަރު މި މަޝްރޫއު ފައްޓަވައިދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.

