އިޖުތިމާއީ މައްސަލަތަކަށް ހަދާފައިވާ ދިވެހި ފިލްމް ”އިލްޒާމް“ ގެ ޓްރެއިލަރ އަދި ޕޯސްޓަރ ލޯންޗުކޮށްފިއެވެ.
މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަންއާއި ދެކެދެކެވެސް ޕްރޮޑަކްޝަން ގުޅިގެން ބެލުންތެރިންނަށް ގެނެސްދޭ ފިލްމެކެވެ. މިފިލްމުގެ ވާހކަ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމުގެ މައިގަނޑު މަންޒަރުތައް ޝޫޓުކޮށްފައިވަނީ އދ. ދަނގެތީގައެވެ.
މި ފިލްމުގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލްމުގެ ޝޫޓިންގ ކަންކަމުގައި އެހީތެރިވެދީފައިވަނީ މާހިޔާ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އުސާމަތު އިސްމާއިލެއެވެ.
މި ފިލްމު އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ މި މުޖުތަމައުގައި ހިނގާ ވަރަށް ގިނަ މައްސަލަތަކަށް އަމާޒުކޮށްގެންނެވެ. އަދި މިހާރުވެސް މުޖުތަމައު ތެރޭގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް އަލި އަޅުވާލައިފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ މިއީ ވަރަށް ފޭރާން ހެޔޮ، ޑިސިޕްލިން ހުރި ފިލްމެއް ކަމަށާއި، ބޭނުމަކީ ރާއްޖޭގެ ހުރިހާ އެންމެނަށް މުޅީ މުޖުތަމައުއަށް މެސެޖެއް ފޯރުކޮށްދިނުން ކަމަށެވެ.
އެކުވެރިންނާއި އަދި އާއިލާ އާއިއެކުވެސް މި ފިލްމު ބަލާލެވޭނެ ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުން އިޖުތިމާީ ގިނަ މައްސަލަތަކަށް އޮތް ހައްލު ބުނެދޭނެ ކަމަށާއި، މިސާލަކަށް، ނަފްރަތާއި ހަސަދައާއި ލޯތްބާއި ހިތާމަ އަދި އާއިލީ ގުޅުންތަކާއި އަދި ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައްވެސް މި ފިލްމުގައި ފެންނާނެ ކަމަށް ވެއެވެ.
މިފިލްމުން އެކަންކަމަށް ހައްލުތައް ލިބި، އެ ކަންކަން ހައްލުކުރާނެ ގޮތުގެ ފުރިހަމަ މެސެޖުތަކެއް ލިބިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ. މި ފިލްމު ރިލީޒް ކުރަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ގައެވެ.

