ރާއްޖޭގެ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ތުހުމަތުކުރައްވައިފިއެވެ.
މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވެފައިވަނީ، އެ ބިލުގެ ފަހަތުގައި ފޮރުވިފައިވާ މަގުސަދެއް އޮތް ކަމަށާއި، ބިލު މެދުވެރިކޮށް ރައީސް އަމާޒުކުރައްވާފައިވަނީ މީޑިއާތަކުގެ މިނިވަންކަން ގެއްލުވާލުމަށް ކަމަށެވެ. މިކަން ފާހަގަކުރައްވާ ފައްޔާޒް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް އާންމުކުރައްވާފައެވެ.
”މިނިވަން މީޑިއާތަކެއް އޮތުމަކީ ކޮންމެ ޑިމޮކްރެސީއެއްގެވެސް މައި ބަދަ،“ ކަމަށް ވިދާޅުވަމުން ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ސަބަބުން ނޫސްވެރިންނަށާއި މީޑިއާތަކަށް ލިބިފައިވާ ރައްކައުތެރިކަން ގެއްލިގެންދާނެއެވެ. އަދި ގާނޫނުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ ކައުންސިލުގެ މައްޗަށް ރައީސްއަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ގާނޫނު މެދުވެރިކޮށް އެއްވެސް ހަމައެއްނެތި މީޑިއާއެއް ބްލޮކްކޮށްލުމާއި، ބޭންކުރުމާއި އަދި ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސަރުކާރާ ދެކޮޅަށް އުފުލާ އަޑުތައް އެއްކޮށް ކަނޑުވާލުމަށް މި ގާނޫނުން ޖާގަ ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އަންގަވައިދެއްވި ގޮތުގައި ތެދުބަސް ބުނުމަކީ ގާނޫނީގޮތުން ކުށްވެރިވާ ކަމެއްގެ ގޮތުގައި އޮތް ދުވަސްތަކަށް އެނބުރި ރުޖޫއަވުމަށް ޖާގަ ދީގެން ނުވާނެއެވެ. މިއީ ޑިމޮކްރަސީއަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

