އާބާދީ އެއްފަސްކޮށް ހިޖުރަ ކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫގެ އިތުރުން އެހެން އިތުރު ދެ ރަށެއްގެ ވެސް ހުށަހެޅުން ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން، ހދ. ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނިކޮށެވެ. އެގޮތުން ހދ. ގެ އަތޮޅުގެ ރަށްތަކަށް ރައީސުލްމްހޫެރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުން ބަދަލުކުރުމަށްޓަކައި ހާއްސަކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމާއި. މުނިސިޕަލް ހިދުމަތްތައް ގާއިމުކުރުމުގެ މަޝްރޫއުގެ ފްރޭމްވޯކް ހެދުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސި) އާއި ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުއަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިނގާ ޕްރޮޖެކްޓެކެވެ.
ހިރިމަރަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކޮށް، އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތްތައް ހޯދައިދީ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް ފެށި ދަތުރެއް ކަމަށެވެ. އެގޮތުން ހިރިމަރަދޫގެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށްޓަކައި މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ކޮންމެ ގޯއްޗަކަށް ގެއެއް އަޅައި، ގޯއްޗާއި ގެއާއެކީ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ. އަދި މި ސަރަހައްދުގައި ބޭނުންވާ ހުރިހާ އުމްރާނީ ވަސީލަތްތަކާއި މުނިސިޕަލް ހިދުމަތްތައް ގައިމުކުރެވޭނެކަމަށް ވިދާޅުވި އެވެ.
ގޯއްޗެއް ލިބިގެންދާއިރުގައި އޭގެ ގޯތީގައި ގެއެއް ވެސް އެޅިފައި ހުންނާނެ.. ދެން ކުރީގައި ދޭއިރުގައި ނޫނިއްޔާ ބަދަލުގެ ބަދަލު ދޭއިރުގައި ދޭ ފައިސާގެ އަދަދު އަޅުގަނޑުމެން ރިވައިޒް ކުރަނީ… ކުރީގައި ދެމުން ދިޔައީ ތަންކޮޅެއް ކުޑަ އަދަދެއް.. އެހެންވީމާ މިކަން މި ކުރަނީ ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކޮށްދިނުމަށް.. މި ރަށުގެ ރައްޔިތުންނަށް ޓަކައި މި މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގޯއްޗާއި ގެއާއެކީގައި ފައިސާގެ ބަދަލެއް ވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، މި ބަދަލުގެ ގޮތުގައި ކުރިން ދެމުންދިޔަ އަދަދަށްވުރެ ބޮޑު އަދަދެއް ދިނުމަށް ދިރާސާތައް ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުން އެމީހުންގެ އުފަންރަށް ދޫކޮށްދާއިރު، އެ ރަށުން އެ ފަރާތްތަކަށް އިގްތިސާދީ ނަފާއެއް ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ހަނިމާދޫގައި ފެށި، އެންމެ ގިނަވެގެން އަށާރަ މަސްދުވަހުގެ ތެރޭގައި ހުރިހާ ގެތަކާއި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ނިންމައި ހަވާލުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސިޔާސަތަކީ ރައްޔިތުން ބޭނުންވާ ގޮތަށް ރަށްރަށުގެ ތަރައްގީ ކުރިއަށް ގެންދިއުމަށްޓަކައި މަޖުބޫރު ކުރުމެއް ނެތި، ރައްޔިތުންގެ އެދުމުގެ މަތިން ހިންގާ މަޝްރޫޢެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން މިފަދަ މަޝްރޫއުއެއް ފަށާ ފުރަތަމަ ރަށަކީ ހިރިމަރަދޫ ނަމަވެސް، އަދި އިތުރު ދެތިން ރަށަކުން ބަދަލުވާން އެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

