ހދ. ހަނިމާދޫގައި ތަރައްގީ ކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފުރިހަމައަށް ނިންމައި، ބޭނުންކުރެވޭނެ ފެންވަރަށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިއަދުގެ އެންމެ ފަހު މަންޒިލަކަށް ވަޑައިގެންފަ އެވެ.
އެއާޕޯޓުގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އެއާޕޯޓު އިންޓަނޭޝަންލް ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހުރިހާ ހިދުމަތްތައް ލިބި އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަންޖެހޭ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުޢިއްޒު ވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢަކީ ސަރުކާރުގެ އެންމެ އިސްކަމެއް ދޭ އެއް މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ. އެ މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއިން އާ އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި އެ މަޝްރޫޢު ނިމުމުން އެ ސަރަޙައްދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ރައީސް މައުލޫމާތު ދެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ، މިހާރު މި ކުރިއަށްދާ މަސައްކަތްތަކަކީ ވަރަށް ޒަމާނީ ފެންވަރެއްގައި، ބޮޑަށް އެކްސްޕޭންޑް ކުރެވިގެންދާ އިންޓަނޭޝަނަލް އެއާޕޯޓެއްގެ މަސައްކަތްކަން ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް މި މަސައްކަތް ދާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ގެންދިއުމުގެ ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ރައްޔިތުންނަށް ވައުދުވެފައިވާނެ ކަމަށެވެ.
އެ ވައުދާ އެއްގޮތަށް ކުރިއަށްވުރެ ބާރަށް އަދި ހަލުވިކޮށް މަސައްކަތް ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ މަޝްރޫއުއަށް އެއްވެސް ހުއްޓުމެއް ނައިސް އެ ދާ ސްޕީޑުގައި ގޮސް ތާރީހަށް ނިންމާލެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައީސް ވިދަޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި ފުރިހަމައަށް ބޭނުންކުރެވެން ފެށުމެވެ.
އިންޓަނޭޝަންލް ފެންވަރަށް އެއާޕޯޓު ހުޅުވުމާއެކު، ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކައުންޓަރެއް ބަހައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ކައުންޓަރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވެސް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭ ގޮތަށް، ބޭންކު ރޭޓުގައި ޑޮލަރު ގަތުމުގެ ނިޒާމު ގާއިމުކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން، ޑޮލަރު ގަނެވޭ ނިޒާމު ގާއިމުކުރުމުގެ އިތުރަށް، ހަނިމާދޫ އެއާޕޯޓުން ބޭރުން، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވުމަށް ރައީސް ވަނީ މިރޭ ވައުދުވެފަޑައިގެންފަ އެވެ.

