ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އޭޓީއެމްގެ ހިދުމަތް ނެތް ރަށްތަކުގައި، ސަރުކާރުން އޭޓީއެމް އިފްތިތާހު ކުރުމަށް ރަސްމިއްޔާތުތައް ކުރިޔަށް ގެންދާތީ އަމާޒު ކުރާ ފާޑުކިއުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނެއްލައިދޫއަށް ވަޑައިގެން ރައީސް ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރައްވަމުން ގެންދާ މަސައްކަތްތަކާއި ބެހޭ ތަފްސީލީ މައުލޫމާތުތައް ދެއްވާފަ އެވެ. އަދި އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދައިގެ ކުދިކުދި މަޝްރޫއުތައް އިފްތިތާހު ކުރާކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މީގެ ތެރެއިން ވެސް އޭޓީއެމް ގާއިމު ކުރުމަކީ، ވަރަށް އާދައިގެ ކުޑަކަމެއްގެ ގޮތުގައި ބައެއް މީހުން ދެކޭ ކަމަށެވެ.
ރައީސް ވިދާޅުވީ، އޭޓީއެމް ބަހައްޓާތީ ބައެއް ފަރާތްތަކުން އެކަން އާދައިގެ ކަމަކަށް ހަދާކަމަށާއި، ނަމަވެސް އެއީ އާދައިގެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވާނަމަ، އެކަހަލަ ކަންކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުގެ ސިޔާސަތަކީ އަދި މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއެކީ ހިދުމަތް ދިނުން… އެއީ ބޭންކިން ހިދުމަތުގެ ކަމުގައި ވިޔަސް ހަމަހަމަ ކަމާއެކީގައި ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ…
އޭޓީއެމް ހިދުމަތް ނެތް ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން، ކައިރީގައި އޭޓީއެމް ހުންނަ ރަށަކަށް އަތުން ހަރަދުދުކޮށް ފައިސާގެ މުއާމަލާތްތަކަށް ދާން ޖެހޭކަމަށެވެ. ހާއްސަކޮށް ބައެއް ރަށްތަކުގެ ވިޔަފާރިވެރިންނަށް ފައިސާ ޖަމާ ކުރުމުގައި ދަތިތައް ދިމާވާއިރު، އެހެން ރަށަކަށް ގޮސް އެކަން ކުރުމަކީ އެއީ ފަސޭހަ އަދި އެންމެ ރައްކާތެރި ގޮތެއް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ގާއިމުވެގެން ދިއުމާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް، އެރަށެއްގައި މަސައްކަތްތައް ކުރިއަށް ގެންދާ ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ބޭންކުން ބޭންކަށް ކުރުމުގައި މިކަމުން ވަރަށް ބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2026 ގެ ނިޔަލަށް، އޭޓީއެމްގެ ހިދުމަތް ގާއިމުވެފައި ނެތް ހުރިހާ ރަށެއްގައި ވެސް އޭޓީއެމްގެ ހިދުމަތް ދޭން ފެށުމެވެ.
ރައީސް މުއިއްޒު މިފަހުން އެކި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި ވެސް އޭޓީއެމްގެ ހިދުމަތް ވަނީ ފަށާފަ އެވެ. އަދި ބައެއް ރަށްތަކުގައި ބޭންކުގެ ބްރާންޗެއް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފައްޓަވާދެއްވާފައި ވެއެވެ.

