ސަރުކާރުން ބޭނުން ވަނީ، ނޮޅިވަރަމްގެ ދަނޑު ބިންތަކުން ކައުންސިލަށް ފީ ނުނަގާ ގޮތަށް ބަދަލުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.
އެމަނިކުފާނު ވަނީ، ދަނޑުވެރިންނަށް ބޮޑު ލުޔެއް ދިނުމުގެ ގޮތުން، ދަނޑު ބިންތަކުން ކައުންސިލް ފީ ނުނެގުމަށް އެދިވަޑައިގެންފައެވެ.
ހދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްގައި ވަނީ ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރާނެ ފިހާރައެއް އެ ރަށުގައި ގާއިމު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އާއި، ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ކައުންސިލް ރައީސް ޔޫސުފް މޫސާ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ނޮޅިވަރަމް އަކީ ދަނޑުވެރިކަމަށް ނުހަނު ފާހަގަކޮށްލެވޭ ރަށެކެވެ. ދަނޑު ބިންތަކުން ލިބޭ ނަފާ އެންމެ ގިނައިން ލިބެނީ ރަށުގެ ވަކިވަކި ޢާއިލާތަކަށް ކަމަށާއި، އެއީ އެއާއިލާތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު އެހީއެއްކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މި މަޝްރޫޢުގެ ސަބަބުން، ދަނޑުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ވަނީ ނޮޅިވަރަމް ކައުންސިލްގެ ކިބައިން މުހިންމު އެދުމެއް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ، މި ރަށުގެ ދަނޑު ބިންތަކުން ކައުންސިލަށް ފީ ނުނަގާ ގޮތަށް ބަދަލުކޮށްދިނުން ކަމަށެވެ. އެގޮތަށް ޢަމަލުކުރެވިއްޖެނަމަ، ދަނޑުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީއަކުން ނުވަތަ ތަނަކުން އެއްވެސް ހުއްދައެއް ބޭނުންވެއްޖެނަމަ، އެ ހުއްދަ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނަމަވެސް، މިކަން ކުރިއަށް ގެންދެވޭނީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކުރެވިގެންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި ނައިވާދޫގައި މުހިންމު މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށްޓަކައި ސޮއި ކުރިއިރު، ރައީސް ފާހަގަކުރެއްވި ގޮތުގައި ވަކިވަކި ދާއިރާތަކަށް ބަލާއިރު ވެސް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހެއެވެ.
ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އިއުލާނު ކުރައްވައި ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒަށް 30 އެނދު އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށްދާ ދުވަސްތަކުގެ ތެރޭގައި ވެސް އެކްސްރޭ މެޝިން ބޭނުން ކުރެވޭނެ ގޮތާއި، ފަރުވާގެ ކަންކަމުގައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރު ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ކަމާއި ބެހޭ އިދާރާތަކަށް ދޭން ޖެހޭ ހުއްދަތަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ނިމެންދެން، މިހާރުގެ ކަންކަން ވަރުގަދަ ކުރުމަށް އަޅުގަނޑު ބޭނުން.. ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މިހާރަށް ވުރެ ފެންވަރު ރަނގަޅު ވާނެ..
ތައުލީމީ ދާއިރާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިހާރު ކުރިޔަށް ދާ މަލްޓި ޕާޕަސް ހޯލަށް އެހެން ކަންކަން އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކްސްޓެންޝަން ބޮޑުކޮށް އިތުރު ކްލާސް ރޫމާއި، ލައިބްރަރީ ހިމެނޭ ގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ބޭނުންވާ ބަޖެޓަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއާއި އެކު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ އެވެ. އަދި މުދައްރިސުންނާއި، ބެލެނިވެރިންނަށް ވެސް އޭގެ ސަބަބުން ފައިދާތައް ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ނޮޅިވަރަމްގައި އަޅާ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ތަފާތުވާނެ ކަމަށެވެ.
ނޮޅިވަރަމްއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ވަނީ މިހާރު ހުރި އިންޖީނުގެ ރީލޮކޭޓު ކުރުމަށް ނިންމާފައި ކަމަށެވެ. އަދި އިތުރު ކޭބަލްތައް ވެސް އަޅައި، ޕްރޮޖެކްޓުގެ ވަށައިގެން ކުރަން ޖެހޭ އެހެން މަސައްކަތްތައް ހުރިއިރު ފެނަކައިން ޕްރޮޖެކްޓު ކުރިޔަށް ގެންދާނީ އެންމެ ހާއްސަ އިސްކަމެއް ދީގެންކަމަށް ރައީސް ވިދާޅުވި އެވެ.

