ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރޭގައި ގޯސްކަންތަކެއް ހިނގާކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްއާއި ރައީސް ނަޝީދާއި ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް ވަރަށް ގިނައިން ސޯޝަލް މީޑިއާ މެދުވެރިކޮށް އަޑުއިވެއެވެ. އެހެން ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި ވާ ޒަމާންވީ ގާތްކަމަށް ކުޑަވެސް ބަދަލެއް ނާންނަކަމަށް މީޑިއާތަކަށް ރައީސް ސޯލިހް އަދި ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މަޝްރޫއުތަކެއް ކުރިޔަށް ނުގެންދާކަމާއި، އަދި ރައްޔިތުންނަށް ތަރައްގީ ގެނެވެނި ޕްރޮޖެކްޓުތަކެއް ނުހިންގޭކަމަށް ދައްކާ ވާހަކައަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން އިންތިޒާމްކޮށްގެން ބޭއްވި ޒުވާނުންގެ ކޮންގްރެސްގައި ވާހަކަ ދައްކަވާފައެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް ފުރުސަތު ދޭން ޖެހޭކަމަށާއި، ރައީސް ސޯލިހްގެ ސަރުކާރު ހިނގުން ލަސްކަމަށް ބުނެ ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
ނަމަވެސް މައްޗަންގޯޅީ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި އާއްމުގެ ފަރާތަކުން ވަނީ ”މަޖިލީހާއި އެއްވަރަށް“ ސަރުކާރު ކުރިޔަށް ނުދަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކަމެއް އުޅޭހެން އެމަނިކުފާނަސްވެސް ”ހީވާ“ ކަމަށެވެ. އަދި އުންމީދަކީ ސަރުކާރުގެ ސްޕީޑު އަވަސްވުން ކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާއި އަމަލު ކުރައްވާ ގޮތުން ގޯލު ޖައްސަވަނީ ބައިކޮޅަށްކަމަށެވެ. ފިތުނަ ފަސާދަ އުފެދޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް ރައީސް ނަޝީދަށް އިލްތިމާސްކުރައްވާ ގާސިމް ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ދައްކާ ”އަނެއް ދިވެހި ރާއްޖެ“ ޓެގު ބޭނުންކޮށް އިތުރު ބައެއްގެ ސަޕޯޓެއް ނުލިބޭނެކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުން ފެންނަނީ ސީދާ ސަރުކާރަށް އުނދަގޫ ކުރުމުގެ މަންޒަރުތަކެއް ކަމަށާއި، ފެނިގެންދަނީ ރައީސްގެ ގައިކޮޅީގައި ޖަހަމުންދާތަންކަމަށެވެ. ގާސިމް ވިދާޅުވީ އެގޮތަށް އެ އެމަލުތައް ބަހައްޓަވަނީ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގޭކަމަށާއި އެއީ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން އަންނަ ރޯޅިތަކެއްކަމެއްވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ.
ޓެރަރިޒަމް ގާނޫނުގެ އިސްލާހާއި ގުޅިގެން ކަންބޮޑުވުން ހުރިކަމަށް ބުނެ، މީޑިއާތަކަށް ގުޅާ އެވާހަކަ ނުދައްކާވެސް މަޝްވަރާ ކުރެވިދާނެކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމްގެ އެ ވާހަކަ އެ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއަށެވެ. ގާސިމް ސިފަ ކުރެއްވި ގޮތުގައި އެހެން ގޯސްތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ރައީސް ސޯލިހްގެ ސަރުކާރު ގޯސްކުރުމެވެ. ނަމަވެސް، ރައީސް ސޯލިހްއަކީ އެއްވެސް ބަޔަކަށް ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދެއްވާ އެކަން ބައްލަވަން އިންވާނެ ބޭފުޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ކޮންމެހެން ނުޖެހޭ މުޅި ރައްޔިތުންގެ މެދުގައި އެކަން ފާޅުކޮށް، ފެންނަ ގޮތަށް ނުވަތަ މީޑިއާ ކުރިމަތީ އެވާހަކަ ދައްކަވާކަށް. އެ ޕާޓީގެ ޕީޖީ ލީޑަރު ދައްކަވަން ބޭނުންވާ ވާހަކައެއް ސީދާ ރައީސްއަށް ގުޅުއްވާފައި އެ ވާހަކަ ދެއްކެވޭނެ ދެއްތޯ. 65 މެމްބަރުންގެ ލީޑަރު ވާހަކަ މި ދައްކަނީ“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގެއްލުންދޭ ބައެއްގެ ހިތުގެ ތެރޭގައި ކޮންމެވެސް ”ތާސީލެއް“ ވާކަމަށެވެ. އެ ތާސީލަކީ ކޮބައިކަމެއް، އަދި ކުރަން އުޅެނީ ކީއްކަން ނޭނގުނަސް ސިޔާސީ މަޝްރަހު ބަލާ ދިރާސާ ކުރައްވާ ފަރާތަކަށް ކަންތައް ދަނީ ރަނގަޅަށް ނޫންކަން އެނގިވަޑައިގަންނަވާނެކަމަށެވެ.
”“އެހެންވީމަ މިކުރާ ކަންތަކުގައި އަދި އެހެން ކޮންމެވެސް ތާސީލެއް އެބަ އުޅޭ. އެ ތާސިލަކީ، ކޮބާތޯ. މި ކޯއްޗެއްތޯ ހޯދަން މިއުޅޭނީ، ކިހިނެތްތޯ މިވަނީ. އައްޗިއް ޗީ ކިޔާފައި ކޮންމެވެސް އެހެން ކަމެއް އިނގޭތޯ ކުރިޔަށް އެ ދަނީ“ ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަ ދައްކައްވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން އޮތުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން ވަރަށް ގިނަ ހިޔާލުތަފާތުވުންތަކެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް ދީނީ ގޮތުން ހިޔާލުތަފާތުވުންތަކެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
ދިވެހީންގެ ދިރިއުޅުމަށް އައި ބަދަލުތަށް ކަމަށް ބުނެ ވާހަކަ ދައްކާ، އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް އެހެން ގައުމިއްޔަތެއް ގެނައުމަށް ދިވެހި ރައްޔިތުން އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

