ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށު ފަތުރުވެރިކަމަށް ބޭނުންވާ ލުއި ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޑީއެފްސީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޑީއެފްސީން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، އިސްލާމިކް ވިންޑޯ ’އެސްޑީއެފްސީ ތިޖާރާ‘ ގެ ދަށުން ޝަރީޢަތާ އެއްގޮތްވާ އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފައިނޭންސިންގ ފެސިލިޓީއެއް ކަމަށްވާ ”ތިޖާރާ ރަށު ފަތުރު“ ތަޢާރަފްކޮށްފިއެވެ.

އެސްޑީއެފްސީން މައުލޫމާތު ދޭ ގޮތުގައި މި ފެސިލިޓީގެ މައިގަނޑު މަޤްސަދަކީ، ޝަރީޢާ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ޕްރޮޑަކްޓު ފަރުމާކުރެވިފައިވަނީ ”ޑިމިނިޝިންގ މުޝާރަކާ“ އަދި ”މުރާބަޙާ ޓު ދަ ޕަރޗޭސް އޯޑަރަރ“ ގެ ކޮންސެޕްޓު ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ގޮތަށެވެ.

އެސްޑީއެފްސީން ފާހަގަކުރާ ގޮތުގައި މީގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއްގެވެސް ހުރި ޚާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެފަދަ އިންތިޒާމެއް ޝަރީޢާ ހަމަތަކުގެ މަތީގައި ހަމަޖައްސައި ފޯރުކޮށްދެވޭނެއެވެ.

އެސްޑީއެފްސީން ވަނީ ލޯނުގެ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން މި ލޯނުގެ ފައިނޭންސިންގ ރޭޓް އަކީ އަހަރަކަށް %9.5 އިންސައްތައެވެ. އަދި ގްރޭސް ޕީރިއަޑް ގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް (ގްރޭސްގެ މުއްދަތުގައި ލުއި އަދަދެއް) ދައްކަންޖެހެއެވެ.

މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަސް ލިބޭއިރު، ފެސިލިޓީ ބޭނުން ކުރެވޭ ދާއިރާތައްވެސް އެސްޑީއެފްސީން ހިއްސާކޮށްފައިވެއެވެ. އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށް ލޯނު ލިބެނީ އަލަށް ފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށެވެ. އަދި އެގޮތަށް ދޫކުރެވޭ އެންމެ ކުޑަ އަދަދަކީ 200,000 ރުފިޔާއެވެ. އެންމެ މަތީ އަދަދަކީ 5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގެސްޓްހައުސް ފިޔަވައި ފަތުރުވެރިކަމުގެ ޞިނާޢަތާއި ގުޅުންހުރި ތަފާތު އިތުރު ވިޔަފާރި ހަރަކާތްތަކަށް ބަލާއިރު، ލޯނު ދޫކުރެވޭ އެންމެ މަތީ އަދަދަކީ 1.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޑައިވް ސެންޓަރު، ވޯޓަރ ސްޕޯޓްސް ސެންޓަރު ފަދަ ހަރަކާތްތައް ޤާއިމުޤާއިމުކުރުމަށް ދޫކުރެވޭ ލޯނު ހިމެނެއެވެ.

ފައިނޭންސިންގ ދޫކުރެވޭ އިތުރު ބޭނުންތަކަށް ބަލާއިރު، އައު ގެސްޓްހައުސްތައް އިމާރާތްކުރުމާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްޤީކުރުމަށްވެސް ލޯނު ދެވެއެވެ. އަދި ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކާއި، ވޯޓަރ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތަޢާރަފުކުރުމާއި، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށްވެސް ލޯނު ދެވެއެވެ.

މީގެ އިތުރުން، އޮންލައިން ބުކިންގ ސިސްޓަމްތައް ޤާއިމުކުރުމަށާއި، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށްވެސް ލޯނު ލިބެއެވެ.

”ތިޖާރާ ރަށު ފަތުރު“ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނީ 7 ސެޕްޓެންބަރ 2025 ގައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

’އެސްޑީއެފްސީ ތިޖާރާ‘ ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ މާލީ އުޞޫލުތަކާ އެއްގޮތްވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުން ވެސް މި ވިންޑޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މި ޚިދުމަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ވިޔަފާރިތައް ފުޅާކުރުމަށާއި އައު ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

އެސްޑީއެފްސީގެ އަމާޒަކީ ޝަރީޢާއާއި އެއްގޮތަށް ފަރުމާކުރެވިފައިވާ އިތުރު ފައިނޭސިންގ ފެސިލިޓީތައް އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެސްޑީއެފްސީ ތިޖާރާ‘ ގެ ދަށުން ތަޢާރަފް ކުރުންކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: