ވ. ކެޔޮދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމަށް މަސައްކަތް ފަށައި، އަންނަ އަހަރުގެ ކުރީކޮޅު ހިދުމަތް ލިބޭ ގޮތަށް މަސައްކަތް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ ވ. އަތޮޅު ގައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މ. އަތޮޅާއި، ފ. އަތޮޅު އަދި ދ. އަތޮޅަށެވެ.
އެގޮތުން ރައީސް ވަނީ ކެޔޮދޫގައި ވެސް ސަރުކާރުން ކުރުމަށް ރާވާފައިވާ މަޝްރޫއުތައް ހަގީގަތަކަށް ހައްދަވާނެކަމަށް ވިދާޅުވެފަ އެވެ.
ރަށަށް ސަރުކާރުންވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަމަލީ ސިފައެއް ގެނައުމަށް މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ރައީސް ވަނީ ދެއްވާފަ އެވެ.
ކެޔޮދޫއަކީ އަތޮޅުގެ އެހެން ރަށްތެކޭ އެއްގޮތަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށް ވާތީ ދާއިރާ ކުރިއެރުވުމަށް ރައްޔިތުން ބޭނުންވާ ގިނަ ކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ރަށުގައި ވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރިޔަށް ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ވ. އަތޮޅުގެ ތިން ރަށެއްގައި ރައީސް ވަނީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އެއީ ކެޔޮދޫ ހިމެނޭ ގޮތަށް ތިނަދޫއާއި، ފުލިދޫގަ އެވެ.
މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ސަރުކާރުން މިހާރު ވެސް ދަނީ އޭޓީއެމް ނެތް ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވަމުންނެވެ.
ސަރުކާރުން ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މާލީ ހިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށެވެ. އަދި އިތުރު ހަރަދުތައް ކުރުމަށް ފަހު، ރަށްރަށުގެ ރައްޔިތުން ނަގުދު ފައިސާ ނެގުމަށް ކައިރި އެހެން ރަށްތަކަށް ދާން ޖެހުން ވެސް ނިމުމަކަށް އަންނާނެކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ޖަމާ ކުރުމާއި، ފައިސާ ރައްކާކޮށް ބެލެހެއްޓުމުގައި ވެސް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް މީގެ ކުރިން ލިބެމުން އައީ މާލޭގައި އެކަންޏެވެ. އެހެން ނަމަވެސް ކ. އަތޮޅާއި އެހެން އެކި ރަށްތަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާގެ ތެރެއިން އެންމެ ބޮޑު ޓެކްސްއެއް ދައުލަތަށް ދައްކަމުން އަންނަ ރަށްތަކެވެ. އަދި ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އަތޮޅު ތެރޭގެ އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްދެވިގެން ދިޔައީ މިދިޔަ އަހަރުގެ ޖޫން މަހު މާފުށީފަ އެވެ. މިއީ ރާއްޖޭގައި މިވަގުތު، ގެސްޓް ހައުސް އެންމެ ބޮޑަށް ކުރިއަރާފައިވާ، އަދި ރިސޯޓުތަކާއި ވެސް ދާދި އެއްވަރަކަށް ޓެކްސް ޖެނެރޭޓު ކުރާ ރަށެކެވެ.
އެއަށް ފަހު މިދިޔަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި، ސިޓީތައް ހިމެނޭ ގޮތަށް ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ. މީގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ ޑޮލަރު ވަގުތުން ޖަމާކުރެވި، އިގްތިސާދުގެ ތެރޭގައި ދައުރު ކުރެވެން ފަށާނެ އެވެ.
މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރަށްތައް ވެސް މާލީ ގޮތުން ބާރުވެރި ކުރެވިގެންދާނެ އެވެ.

