މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަކީ މީޑިއާތަކަށް އިންޤިލާބީ ރަނގަޅު ބަދަލުތަކެއް ގެނުވާނެ ޤާނޫނެއްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މި ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް، ބިލަށް ބޭނުންވާ މުހިއްމު އިސްލާޙުތަކެއް ގެނައުމަށްފަހު އެކުލަވާލާފައިވާ ޤާނޫނެއް ކަމަށާއި، ނޫސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް އެ އިސްލާޙުތަކުގެ ސަބަބުން ޙައްލުވެސް ލިބިގެން ގޮސްފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މީޑިއާތަކަށް ކުރިން ކުރިމަތިވި މާލީ އެކިއެކި ގޮންޖެހުންތަކަށްވެސް މި ބިލުން ޙައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން މީޑިއާތައް ތަރައްޤީވުމަށް ބޭނުންވާ ގިނަ ކަންކަންވެސް މި ޤާނޫނާއެކު ފަހިވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީޑިއާތަކުގެ ހުރި މާލީ ގޮންޖެހުންތަކަށްވެސް ވަނީ ޙައްލު ހޯދައިދީފައި، މީޑިއާތަކުގެ ހުރި ބިރުވެރި ކަންކަމަށްވެސް ވަނީ ޙައްލު ހޯދައިދީފައި، މީޑިއާތައް ތަރައްޤީ ކުރުމަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް މީގެން އެބަ އެސްޓެބްލިޝް ކުރޭ
މީގެ އިތުރުން، މިއީ މީޑިއާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވޭނެ ޤާނޫނެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން އެކިއެކި ސަރުކާރުތަކުގައިވެސް މީޑިއާ ރިފޯމް ކުރުމުގެ މުހިއްމުކަމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ބައެއް ވެރިކަންތަކުގައި އެކަމަށް އަމަލީ މަސައްކަތްތަކެއްވެސް ފެށުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް، މިހާތަނަށްވެސް އެދެވޭ ގޮތެއްގައި އެ މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، މި ބިލާއެކު، މުހިއްމު ގިނަ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޤާނޫނު ފުރިހަމަ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނުހަނު މުހިއްމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވެސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލާއި، އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އޭރު އެކަން ކުރަން މަސައްކަތްކުރި ބައެއް ފަރާތްތަކުން މިހާރު މި ދެ މުއައްސަސާ އެއްކޮށްލަން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

