ކޮންޓްރޯލްކޮށްފައިވާ ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެފައިވާކަމަށް ޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ލުބުނާ ވިދާޅުވީ، ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ކިޔާ ޑްރަގެއް ކަމަށެވެ. އެކަން ކުރަމުން އަންނަކަމުގެ މައުލޫމާތު، އިތުބާރު ހުރި ވަރަށް ގިނަ މަސްދަރުތަކުން ލިބެމުން އަންނަކަމަށް ފާހަގަކޮށް ލުބްނާ ވިދާޅުވި ގޮތުގައި، އެ ޑްރަގުގެ 10 ގުޅަ، 2،000 ރުފިޔާއަށް އަންނަނީ ވިކެމުންނެވެ.
މިއީ ބާރުގަދަ ޕެއިންކިލާސް ބޭނުންކުރާ ބޭހެކެވެ. ކޮންޓްރޯލްޑް ޑްރަގް ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަކަމެއްކަމަށް ލުބްނާވެސް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ލުބްނާ ވިދާޅުވެފައިވަނީ، ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ އަދަދާއި ބަލާ، ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާށެވެ.
ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާ ކުރީއްސުރެން މިއަދާ ހަމައަށް އިމާރާތަށް އެއްވެސް ބަދަލެއް ނައިސް އޮތް އޮތުމަކީ، އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރީހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރު ކޮށްގެން ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މިއަހަރު ބޮޑު އިސްކަމެއް ދޭނެކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށައިފައެވެ.
މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާއިރު، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.
ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ހައްލުކުރަން ބޭނުންވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީ ވަބާއިން ދިވެހިން ސަލާމަތްކުރުން ހިމެނެއެވެ.

