ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި ޑީޕޯޓު ކުރުމަށް ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގާނޫނާއި  ގަވައިދުތަކާއި ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ ގައުމީ ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެތަންތަން ބަންދުކޮށް ޑީޕޯޓު ކުރުމަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ހަތް އަތޮޅަކަށް ކުރަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން ފ. އަތޮޅަށް ވަޑައިގެންނެވެ.

ފ. ނިލަންދޫގައި މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގެ ތެރޭގައި އިންފްރާސްޓްރަކްޗާ ގާއިމު ކުރުމާއި، މުހިންމު ސޯޝަލް ޕްރޮގްރާމްތައް ހިންގުމާއި ގައުމުގެ ކަންކަން ހަމަޖެހުމަށް ގެނެސް ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް އޮތީ ރާއްޖޭގައި އުޅެނީ ޖުމްލަ ކިތަށް ބޭރު މީހުންކަން އޮތީ ދެނެނުގަނެވި ކަމަށެވެ. ނުގަވައިދުން އުޅޭ ބިދޭސީންނާއި، ގާނޫނާއި ހިލާފު ވިޔަފާރިތައް ކުރާ ބިދޭސީންގެ ވާހަކަތައް ދައްކާ މިންވަރު އިތުރުވަމުން އައި ނަމަވެސް އެއްވެސް ސަރުކާރަކުން މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

މިކަމެއް ހައްލެއް ނުކުރޭ.. އެއްވެސްކަމެއް ނުކުރޭ.. ހަމަ އެކިއެކި ގޮތްގޮތުން ރާއްޖެއަށް، އެކި ގޮތްގޮތުން މީހުން އެތެރެކޮށްފައި، އެކަމަކު އެ މައްސަލަ ހައްލު ކުރާކަށް އެއްވެސް ބަޔަކު ނޫޅޭ.. އެހެން ނަމަވެސް އަޅުގަނޑުމެން ވަނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި.. ވަރަށް މުހިންމު މަސައްކަތްތަކެއް ފެށިން.. އެ މަސައްކަތްތަކަކީ ރާއްޖޭގައި އުޅެނީ ކޮން ބައެއްތޯ.. ބޭރުގެ އެތައް ބަޔަކު އެބަ އުޅޭ.. އުޅޭތަނެއް، ކާކުކަން ވެސް ނޭނގޭ.. ފުރަތަމަ އެކަން އެނގިގެންތާ އެ މައްސަލަ ހައްލު ކުރެވޭނީ..

އެހެންވެ ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކުކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް ސަރުކާރުން ޕްރޮގްރާމެއް ފެށިކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ގަވައިދުން އުޅެމުންދާ ބިދޭސީންނާއި، ނުގަވައިދުން އުޅޭ ބިދޭސީންގެ މައުލޫމާތުތަކާއި އެ ޑޭޓާތައް ލިޔެކިއުމަށް ނަގައި ސިސްޓަމް އަޕްޑޭޓު ކުރެވެން ފެށިކަން ފާހަގަކުރެއްވި އެވެ. މި މައުލޫމާތުތައް ނަގަމުން ދިޔައީ އެ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނުވަތަ ބަޔޯމެޓްރިކް ޑޭޓާގެ ގޮތުގައިކަމަށް ރައީސް ވިދާޅުވި އެވެ.

މި މައުލޫމާތުތައް އެއްކުރެވުމުގެ ސަބަބުން އެ ބިދޭސީ މީހާގެ މައުލޫމާތުތައް ސާފުވާކަމަށް ރައީސް ވިދާޅުވި އެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އަދަދުތައް ހާމަކުރައްވައި ރައީސް ވިދާޅުވީ ދެ އަހަރު ދުވަސްވާން ދާއިރު 178،982 ބޭރު މީހުންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ.

މިއީ ވަރަށް ބޮޑު އަދަދެއްކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން އެކަނި ވެސް ރާއްޖޭގައި ދެލައްކައެއްހާ ބިދޭސީން ނުވަތަ އެއަށް ވުރެ ގިނަ މީހުން އުޅެމުންދާކަން އެނގޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އެއްކުރެވުނު މައުލޫމާތާއި އެކު އެތައް ބަޔަކު ރާއްޖެއަށް ދެން އެނބުރި ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާކަމަށެވެ. މީގެ ކުރިން ސަރުކާރުތަކުން ބިދޭސީން އެގޮތަށް ފޮނުވާލާފައި ވަނީ ނަމެއްގައި ނަމަވެސް މިހާރު ކުރެވޭ މަސައްކަތުގައި މިކަން ރަނގަޅަށް މޮނީޓަރ ކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް ޑީޕޯޓު ކުރި ބިދޭސީންގެ އަދަދު 8709 އަށް އަރައެވެ.

މިއޮއްހާ ދުވަސްވީ އިރު ނޭނގޭ މިކަމެއް.. ދެން މީގެތެރެއިން ނުގަވައިދުން އުޅޭ.. މީހުން މީގެ ކުރިން ޑީޕޯޓު ކުރަނީ ވެސް ނަމަކަށް.. އެހެން ނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8709 މީހުން ޑީޕޯޓުވެސްކޮށްފިން.. 8709 މީހުން ރާއްޖެއިން ފޮނުވާލައިފިން.. މިވެސް ވަރަށް ބޮޑު މަސައްކަތްތަކެއް..

މީގެއިތުރުން ރައީސް ވިދާޅުވީ ބައެއް ބިދޭސީންގެ ސަބަބުން، އާންމު ރައްޔިތުން ކުރާ ވިޔަފާރިއަށް ވެސް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށެވެ. އަދި ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުގަވައިދުން ވަދެ، ގާނޫނާއި ހިލާފަށް އެތައް މަސައްކަތެއް ކުރަމުން ގެންދިޔަ އިރު އެކަން ހުއްޓުމަށް އެޅުނު ހަރުކަށި ފިޔަވަޅެއް ނެތްކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ބިދޭސީންތައް ވިޔަފާރި ކުރަމުން ދަނީ މަގުތައް މަދީ ކުދިކުދި ތަންތަން ހުޅުވައިގެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ވަކިން ހާއްސަކޮށް މާލޭގައި މިކަން ބޮއްސުންލާފައިވާ އިރު، އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް މިކަންކަން އާންމުވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

މިފަދަ ވިޔަފާރިތައް ވަރަށް ބޮޑުތަނުން އިތުރުވެފައި ވާތީ، މާދަމާއިން ފެށިގެން ގައުމީ ފެންވަރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަދަ ތަންތަން ދެނެގަތުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މި އޮޕަރޭޝަން މާލެއާއި ބޮޑެތި ސަރަހައްދުތަކުގައި ފުޅާކޮށް، އެގޮތަށް ގަވައިދުން ބޭރުން ކުރަމުން އަންނަ ވިޔަފާރިތައް ބަންދުކޮށް އެކަމުގައި ޝާމިލުވާ މީހުން ވަގުތުން ޑީޕޯޓު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: