ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭވަށު ރައްޔިތުންގެ ކަންބޮޑުވުމަކީ މަޝްރޫއުތައް ހުއްޓި، ކުރިޔަށް ނުގޮސް އޮތުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން އެވޯޑު ކުރެވިފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓި ވާނުވާއެއްގެ ތެރޭގައި އޮތުމުން، އެ މައްސަލަ ހައްލުކޮށް ދެއްވުމަށް މ. ވޭވަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭވަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލި އެވެ.

މި ރަށުގެ ކައުންސިލްގެ ރައީސް ވަނި ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މިއީ ކުޅިވަރަށް ވަރަށް ލޯބިކުރާ ޒުވާނުން ތިބި ރަށެއްކަން ފާހަގަކޮށް މި ދާއިރާގެ ތެރެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވުމަށް ވަނީ އެދިފަ އެވެ. ވޭވަށަކީ ފުޓުބޯޅައިގެ ރަނގަޅު މުސްތަގުބަލެއް އޮތް ރަށެއް ނަމަވެސް މިފަހުން އަތޮޅު ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެ ވާދަކުރުމަށް ދަތިތައް ދިމާވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ގޮތުން ރަށް ފަހަތަށް ގޮސްފައިވާކަމަށް ނުވަތަ އަތޮޅަށް ކުރިއެރުމެއް ލިބިފައި ނެތްކަމަށް ބައެއް މީހުން ފާހަގަކުރާތީ ކައުންސިލް ރައީސް ވިދާޅުވީ އޭނާ އެކަމަށް ދެބަސް ނުވާކަމަށެވެ. ލޯކަލް ޓޫރިޒަމް ކުރިއަރުވައި ގެސްޓް ހައުސްތައް ހިންގުމަށް ބަލާއިރު ވެސް ދަތިތައް ދިމާވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކަށްވީ މުޅި އަތޮޅުގެ ރަށްތައް ހިމެނޭ ގޮތަށް ޕްރޮޖެކްޓުތައް ފެށުނު ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް 30 އެނދުގެ ގެސްޓް ހައުސް އިތުރު ކުރުމަށް މަސައްކަތް ކުރެވުނުކަން ފާހަގަކުރި އެވެ.

ކައުންސިލްގެ ރައީސްގެ ވާހަކައިގައި ވަނީ އެއާޕޯޓުގެ ވާހަކަތައް ދައްކާއިރު، އަންނާނީ ހަފްތާއަކު އެއް ފްލައިޓުކަމަށް އަންދާޒާ ކުރާ ކަމަށެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ނުވަތަ އިންޓަގްރޭޓެޑް ޕްރޮޖެކްޓު މެދުވެރިކޮށް ކުރެވޭނެ މަސައްކަތްތައް އެބަހުރިކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރަށުގެ އާމްދަނީއާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ މަގާމާއި ހަވާލުވީ އިރު ލިބެނީ ތިން ލައްކަ ނަމަވެސް ދައުރު ނިމޭއިރު އެ އަދަދު ދެ މިލިއަނުން މައްޗަށް އަރާނެކަމަށެވެ.

އެހެން ރައްޔިތަކު ފާހަގަކުރީ، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައި ނެތުމުގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި މަގުތަކުގައި ފެންބޮޑުވުމެވެ. އަދި ގިނަ ފަހަރަށް ގެތަކަށް ވެސް ފެންވަދެ ގެއްލުންވާކަމަށް ބުންޏެވެ.

ފައިސަލް ކިޔާ މީހަކު ވާހަކަ ދައްކަމުން ރަށުގައި ގާއުމު ކުރާ 60 ޓަނުގެ އައިސް ޕްލާންޓުގެ މަޝްރޫއުއަށް ތައުރީފު ކުރި އެވެ. ”ރިހާކުރު ފައިސަލް“ ގެ ނަމުން މަޝްހޫރު އޭނާ ބުނީ އައިސް ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ވަރަށް ގިނަ ދަތިތައް އެބަހުރިކަމަށެވެ. އަދި އޭނާއަކީ ރިޔާހުކުރު ވިޔަފާރީގައި މަސައްކަތް ކުރާ މީހެއްކަމަށްވުމާއި އެކު، އެ ޝަކުވާތައް ވަރަށް ގިނައިން މަސްވެރިންގެ ފަރާތުން ލިބޭކަމަށް ބުންޏެވެ.

މި ރަށުން ވާހަކަ ދެއްކި ގިނަ މީހުން ވަނީ ނަރުދަމާގެ މައްސަލަ ހައްލު ނުވެ އޮތުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. އެހެންވެ މި މަޝްރޫއު ނިމެނޭ ތާރީހެއް ސަރުކާރުން ހިއްސާކޮށް ދީ، މަސައްކަތް ލަސްވާ ސަބަބު އެނގެން ރައްޔިތުން ބޭނުންވާކަން ފާހަގަކުރި އެވެ.

މީގެއިތުރުން ރަށުގެ ހުރިހާ ބެލެނިވެރިންނާއި ސްކޫލު މުދައްރިސުންގެ ފަރާތުން ކަންބޮޑުވުން ހުށަހެޅި މީހަކު އެދުނީ ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކޮށް ދެއްވުމަށެވެ. ސްކޫލުގެ ކްލާސްރޫމްތައް ބައިކޮށް ކިޔަވައިދޭން ޖެހޭތީ، ދަރިވަރުންނަށް އުނގަންނައި ދީ ކްލާސްތައް ކުރިޔަށް ގެންދިއުމުގައި ވަރަށް ބޮޑަށް ދަތިވާކަމަށް އޭނާ ބުންޏެވެ.

ރައްޔިތުންގެ ވާހަކައަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ހުށަހެޅި އެކިއެކި ކަންކަން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ހައްލު ކުރާނެކަމަށެވެ. ބައެއް މަޝްރޫއުތަކަކީ އެއީ ކުރީ ސަރުކާރުން ހަވާލުކޮށް، ކޮންޓްރެކްޓަރަށް އެޑްވާންސް ފައިސާ ދޫކޮށްފައި ހުރި މަޝްރޫއުތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފައިސާ ނަގައިގެން އެ މަސައްކަތް އޮތީ ކުރިޔަށް ނުގެންގޮސް ކަމަށެވެ.

މި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުން އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ ބާތިލު ނުކުރުމަށެވެ. އެކަމަކު ބައެއް އެވޯޑު ކުރެވިފައިވާ ކުންފުނިތަކަށް ވެސް ވާނުވާ ނޭނގި އޮތުމަކީ ދިމާވާ އެއް މައްސަލަކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލިއްޔަތު ގަވައިދުގެ ތެރެއިން ލޭބަރ ކޮސްޓާއި އެހެނިހެން ހަރަދުތަކަށް ބެލުމަށް ފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށް މަސައްކަތްތައް ކުރިޔަށް ގެންގޮސް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރައީސް ވިދާޅުވީ އަމާޒަކީ މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް މި އަހަރާއި، އަންނަ އަހަރުގެ ތެރޭގައި ނިންމާލުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: