މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކޫއްޑޫއާއި ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ މ. އަތޮޅުގަ އެވެ. އަދި މިއަދުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި މުލިއަށް ވަޑައިގެން މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ވައުދުތައް ފުއްދުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ގޮތުގެ މަތީން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ރައްޔިތުން ބޭނުންވާކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއަހައި އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
މިރޭގެ މުލަކުގައި 30 ޓަނުގެ އައިސް ޕްލާންޓެއް ގައިމު ކުރުމަށްޓަކައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި މަޝްރޫއުއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރެވޭ މަސައްކަތްތައް ވެސް އެބަހުރިކަމަށެވެ.
ރައީސް ވިދާޅުވީ އެސްޓީއޯ ޝެޑިއުލްކޮށްފައިވާ ގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ. މިއީ މި ސަރަހައްދާއި، މި ރަށުގެ މަސްވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ވެރިކަމާއި ހަވާލުވީ އިރު މަސްވެރިންނަށް ފައިސާ ނުދީ އޮތް މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ އެ ބެކްލޮގް ކްލިއާ ކުރުމަށް ކަމަށެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ގޮސް މިހާރު ގަވައިދުން މަސްވެރިންނަށް ފައިސާ ޖަމާވަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް އައި އިރު އެއްވެސް ގޮތަކަށް ފައިސާ ޖަމާކުރުމަށް މަޑުޖެހުމެއް އައިސްފައި ނުވާނެކަމަށެވެ.
ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.. އަޅުގަނޑު ވައުދުވެފައި އޮންނާނެ ވިހި ރުފިޔާގެ ރޭޓު އެއަށް ދިއުމަށް މި މަސައްކަތް ކުރަނީ.. ސިނާއަތް ނަގާ ކޮޅަށް ޖެހުމަށްޓަކައި ކުރާ މަސައްކަތް ވަރަށް ގާތުން މިދަނީ ބަލަމުން..
ރައީސް ވިދާޅުވި ގޮތުގައި މިއާއި އެކު ވެސް މަސްވެރިންނަށް ހަމަޖައްސަން ޖެހޭ އިތުރު ވަސީލަތްތައް ހުރުމާއި އެކު، ސަރުކާރުން އެކަން ހައްލު ކުރުމަށްޓަކައި ފިޔަވަޅު އަޅަމުންދާކަމަށެވެ. އޭގެ ތެރޭގައި ޕްރޮސެސް ކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.
މަސްވެރިންނަށްވެފައިވާ ވައުދުތައް އެގޮތުގެ މަތީން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން.. އޭގެ ތެރޭގައި މިސާލަކަށް ކޫއްޑޫއާއި، ފެލިވަރަށް ބެލި ނަމަވެސް އެގޮތަށް މަސައްކަތް ކުރިޔަށް ދާނެ..
މީގެއިތުރުން ރައީސް ވިދާޅުވީ ފެލިވަރާއި، ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެބަހުރިކަމަށެވެ. އެެހެންކަމުން މަސްވެރިން އެދޭ ގޮތަށް، މި ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެވިގެން ދާނެކަމުގައި ރައީސް ވިދާޅުވި އެވެ. މިއަދާއި ހަމައަށް ވެސް މަސައްކަތްތައް ކުރިޔަށް ދިޔައީ އެގޮތުގެ މަތީންކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެ އަމާޒުގައި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

