ކުރިޔަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ހިދުމަތެއް ވެސް ޑިޖިޓަލް ކުރުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެކަމަށް އިސްކަމެއް ދީފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިވަގުތު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އަންނަ އެއްވެސް ބަދަލެއްގެ ސަބަބުން ގައުމުގެ ތަރައްގީއަށް އެއްވެސް ހުރަހެއް ދިމާވެގެން ނުވާނެކަމަށެވެ. ސަރުކާރުން ބޭނުން ވަނީ ރަށްތަކާއި، ރައްޔިތުންގެ ތަރައްގީއާއި ގުޅުން ހުރި ކަންކަމަށް ގާނޫނީ ބާރުދީގެން ލިޔެގެން ތަންފީޒު ކުރުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ސަބަބުން ސިޔާސީ ގޮތުން ކޮންމެ ބަދަލެއް އައި ނަމަވެސް، އެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ބަދަލު އައިސް ހުއްޓިގެން ނުދާނެކަމުގެ ޔަގީންކަން ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ކޮންމެ ފަސް އަހަރަކުން ވެރިކަމުގެ ދައުރުތައް ބަދަލުވުމަށް ފަހު، މަޝްރޫއުތައް ހުއްޓުމަކަށް އަންނަ މައްސަލައާއި އެ ޕްރޮޖެކްޓުތައް ހުއްޓާލުން ނުވަތަ ބަދަލު ކުރުމުގެ މައްސަލައަށެވެ.
2040 ވަނަ އަހަރާއި ހަމައަށް ދާއިރު، މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމެވެ.
މިދިޔަ އަހަރު އދ. ގެ އާންމު މަޖިލީހުގައި ރައީސް ވިދާޅުވި ގޮތުގައި، އެއީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭނެ އަހަރުވެސް މެއެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ، ފާހަގަކުރެއްވި އެވެ.
އެ މަސައްކަތުގެ ދަށުން 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ލޯންޗު ކުރުމަށް ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ.
އަޅުގަނޑު މިދިޔަ އަހަރު ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިއުލާނު ކުރިން.. އަޅުގަނޑުމެން ދެކެން ބޭނުން ވަނީ މިދެންނެވި 20 އަހަރަށް ދާއިރު އަންނާނެ.. 2040.. 2040 އާއި ހަމައަށްދާއިރު މި ގައުމަކީ ތަރައްގީވެފައި އޮތް ލިސްޓުގައި ހިމެނޭ ގައުމަކަށް ހަދަން ބެނުންވެޔޭ.. މިކަމުގައި އިންޓަނޭޝަނަލް ކޮމިއުނިޓީގެ އެހީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވެޔޭ.. އެކަން އަޅުގަނޑު އިއުލާނު ކުރިން.. މަސައްކަތް ކުރަމުން މި ދަނީ އެ މިސްރާބަށް ދާން..
ރައީސް ވިދާޅުވީ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ އަމާޒަށް ވާސިލުވެ ނަތީޖާ ނެރުމަށެވެ. އަދި ކޮންމެ ރަށަކީ ވެސް ހުރިހާ ދާއިރާއެއްގެ ތެރެއިން ތަރައްގީ ވެގެން އަންނަ ސަރަހައްދަކަށްވާން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަން ހާސިލުވުމާއި އެކު، ތަރައްގީގެ މަގުގައި ގުޅިލާމެހިގެން ތަރައްގީގެ ކުރީ ސަފުގައި ރާއްޖެ ހިމެނޭނެ ކަމަށެވެ. މޯލްޑިވްސް 2،0 ގެ ނަމުގައި ޑިޖިޓަކައިޒޭޝަން ޕްރޮގްރާމެއް ފަށައި ތަންފީޒު ކުރާ އެންމެ ބޮޑު އެއް ސަބަބަކީ މިއީކަމަށް ރައީސް ވިދާޅުވި އެވެ. މިއާއި އެކު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި މި ޕްރޮގްރާމަށް ވަކި ހާއްސަ ބައެއް ކަނޑައެޅިފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބެއްކަމަށް ރައީސް ވިދާޅުވީ މުވައްސަސާތަކާއި، ސަރުކާރުގެ އެކި އިދާރާތައް އަދި ކުންފުންޏާއި ދައުލަތުން ދޭ ހިދުމަތްތައް ދެމުން ދަނީ ދެފުށް ފެންނަ ގޮތެއްގެ މަތީންތޯ ޔަގީން ކުރުން ކަމަށެވެ. އަދި ހާއްސަކޮށް ނަތީޖާ ވީހާވެސް ރަނގަޅަށް ނެރެވޭނެ މަގެއް ތަނަވަސްވެފައި އޮތުމަކީ އޭގެ އެއް ބޭނުންކަމުގައި ރައީސް ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 ގެ އެންމެ ބޮޑު ނަތީޖާއަކީ ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަން ނައްތާލުމެވެ. އަދި ގިނަ ފަހަރަށް ކަންކަމުގެ ތެރޭގައި އޮންނަ ނުފޫޒާއި ބާރު ބޭނުން ކުރުން ވެސް ހުއްޓުވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ހިދުމްތައް އޮޓޮމޭޓު ކުރުމުގެ ސަބަބުން މިފަދަ މައްސަލަތައް ވަރަށް ބޮޑަށް ހައްލުވެ ނެތިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރާއި، 2027 އަދި 2028 ގެ ކުރީކޮޅު ކުރެވޭ މަސައްކަތުގެ ދަށުން ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރެވޭނެ އެވެ. މިއީ ހުރިހާ ރައްޔިތުން ހިމެނޭ ގޮތުން ތައާރަފު ކުރެވޭ ހިދުމަތަކަށްވާއިރު، އެހާ ހިސާބުން ކޮންމެ ރައްޔިތެއްގެ އަތުގައި ޑިޖިޓަލް އައިޑީ އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ކާމިޔާބީއަށް ވާސިލުވުމުގައި ކުރިޔަށް އެޅޭ ފިޔަވަޅެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓު ހުށަހަޅާއިރު ވަރަށް ބޮޑު އިންސައްތައެއް.. ދެން ސަރުކާރުގެ އައިޓީ ބަޖެޓުގެ ތެރެއިންނާއި އެކީގައި އެޑްޖަސްޓު ވެސް ކުރާނަން. ކޮށްގެން އެބަ ކަނޑައަޅަން މިކަމަށް.. އެއީ އަޅުގަނޑުމެން މި ކަނޑައަޅަނީ މި އަންނަ އަހަރަށް.. 2026، އާއި 2027 އަށް 2028 ގެ ދެތިން މަސް ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ ހުރިހާ ސާވިސްއެއް ޑިޖިޓަލްކޮށް ނިންމަން.. އެކަމުގައި ކޮންމެ ރައްޔިތެއް އެބަ ޝާމިލުވޭ.. އެއީ ކިހިނެއްތޯ.. ތިބޭފުޅުންގެ އައިޑީ.. ފިޒިކަލީ އައިޑީކާޑު އޮންނާނެ.. އޮތަސް އެއީ ފުލީ ޑިޖިޓަލް އައިޑީ ކާޑަކަށް ބަދަލުވާނެ.. ހުރިހަ ހިދުމަތެއް ހޯދުމުގައި ތިބޭފުޅުން ޝާމިލުވާނީ އެ ނިޒާމުގެ ތެރެއިން..
މިކަން ހާމަކުރި ސަބަބެއްކަމަށް ރައީސް ވިދާޅުވީ ކުރިޔަށް އޮތީ ބަޖެޓުގެ މަސައްކަތްކަމަށްވުމާއި އެކު، ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމެވެ. އަދި ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުންވާ ގޮތް ބަލައި، ދުރުރާސްތާއެއްގެ ތެރެއިން ކުރާއިރު ގާނޫނީ ބާރުވެރިކަން އޮންނާނީ ލިބިފައި ކަމަށެވެ.

