ނޮވެމްބަރ 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މ. މުލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި މައުޟޫއުގައި ރައީސް ވާހަކަ ދެއްކެވީ، ރާއްޖޭގެ އިގްތިސާދާއި ގުޅުވައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދެއްވަމުނެވެ. އެގޮތުން އެންމެ ބޮޑު އެއް ފިޔަވަޅެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ރައްޔިތުންނަށް ރަނގަޅު އަގެއްގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެކަމަށް ހާއްސަކޮށް ގެނައި ގާނޫނާއި އެކު، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަލަށް ގެނައި ގާނޫނާއި އެކު، ސަރުކާރުން ރައްޔިތުން އެކި ހިދުމަތް ހޯދުމުގައި ބޭނުންވާ ޑޮލަރުގެ ލިމިޓޭޝަނަށް ވެސް ބަދަލު ގެންނަމުން ދާކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދާއިރު، ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް ލިބޭނެ އެހެން ހިދުމަތްތައް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ވަނީ ޑޮލަރުގެ މުއާމަލާތާއި ގުޅޭގޮތުން، ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް ހާމަކުރައްވާފަ އެވެ.
ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރު ވެގެންދާނެ… ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރު ވެގެންދާނެ…
ރައީސް މުއިއްޒު ވިދާޅުވީ، ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަ އެ ތާރީހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިތުރު އެހެންކަމެއްގެ ގޮތުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޗައިނާގެ ފައިސާއަށް ހާއްސަކޮށް ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުވެސް ތައާރަފު ކުރުމެވެ. އެގޮތުން، ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ދިވެހިރާއްޖޭގެ ފައިސާގެ ނިޒާމު އިތުރަށް ވެސް ތަރައްގީ ވެގެންދާނެކަމަށް ވިދާޅުވި އެވެ.
ބޭރުގެ ފައިސާގެ މުޢާމަލާތްތައް އިތުރަށް ފަސޭހަކުރުމުގެ ގޮތުން، އިންޑިއަން ރުޕީސްއިންވެސް މުޢާމަލާތްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

