ދައުލަތުގައި މަސައްކަތްކުރާ އިސް ފަރާތްތަކުގެ ނަމުގައި ހުންނަ މުދަލާއި ވިޔަފާރި އާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމަށް މިހާރު ގެންގުޅޭ އުސޫލު ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި އިސްލާހުތައް މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެގޮތުން މި އިސްލާހުގައި ވަނީ، މިހާރު އޮންނަ ގޮތާއި ހިލާފަށް، މެމްބަރުން ދައުރު ފަށާއިރު އެ ބޭފުޅުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަން އަދި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ. މިހާރު އޮންނަ ގޮތުންނަމަ، މެމްބަރުން އެންމެ ފުރަތަމަ ބަޔާން ހުށަހަޅަން ޖެހެނީ މެމްބަރުން އިންތިހާބުވެ، ހުވާކުރުމަށް ފަހު އެއް އަހަރު ވުމުންނެވެ.
މި އިސްލާހުގައިވާ ގޮތުން ޗާޓަޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު މެންބަރުންގެ މާލީ ބަޔާންތައް ވެރިފައި ކުރަން ޖެހޭނެއެވެ.
މެންބަރުންގެ މާލީ ބަޔާނުގެ އިތުރުން ވަނީ، މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭކަމަށްވެސް އިސްލާހުގައި ހިމަނާފައެވެ. އެގޮތުން އެ ފަރާތްތަކުންވެސް މަގާމުގެ ދައުރު ފަށާއިރު މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއް ކަމާއި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރަން ޖެހޭނެކަމަށްވެއެވެ. މިނިސްޓަރުން ކޮންމެ އަހަރަކު އެ ފަހަރު މި ބަޔާން ހުށައަޅަން ޖެހެއެވެ. އެގޮތުން މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރަން ޖެހެއެވެ. މި ބަޔާން ހުށައަޅަން ޖެހެނީ މަޖިލީހާއި އޮޑިޓަ ޖެނެރަލަށެވެ.
ބަޔާން ހުށައަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިކަމަށްވާނަމަ، ހުށަނާޅާ ފާއިތުވާ ކޮންމެ ދުވަހަކަށް، އެ މިނިސްޓަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކަނޑަން ޖެހެއެވެ.
ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޗެއާމަނުންނާއި، ޗީފް އޮޕަރޭޓިން އޮފިސަރުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ބޭފުޅުން އެ ފަރާތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް މި އިސްލާހުގައިވާ ގޮތުން އަންގަން ޖެހޭނެއެވެ. އަދި އެ ބަޔާން ބަލައިގަނެ، އެ ބޭފުޅުންވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭނެކަމަށްވެއެވެ.
މިއާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކަށް އަޅާ ފިޔަވަޅުގެ ގޮތުގައި، އެ އެންގުމަ ހިލާފުވާ ބޭފުޅުން 5،000ރ. އިން ޖޫރިމަނާ ކުރުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.

