ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ހިންގާ މަޝްރޫޢުތަކާމެދު ދެކެވޭ ވާހަކަތަކުގައި ފާހަގަކުރެވޭ ފަދަ ތަފާތުތަކެއް ހުރިކަން ފެނެއެވެ. މާލޭގައި ހިންގާ މަޝްރޫޢުތަކާމެދު ފާޅުކުރެވޭ ޚިޔާލުތަކާއި، އަތޮޅުތެރޭގައި ހިންގާ މަޝްރޫޢުތަކާމެދު ފާޅުކުރެވޭ ޚިޔާލުތަކުގައި ހުންނަ ތަފާތުތަކަކީ ސާފުކޮށް ފާހަގަކުރެވޭ ޙަޤީޤަތެކެވެ.
މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢުތަކާމެދު ސަރުކާރާއި ވާދަވެރި ފަރާތްތަކުން ޢާންމުކޮށް ފާޑުކިޔަމުންދަނީ އެ މަޝްރޫޢުތަކުގެ އަގާއި، ހާމަކަމާއި ދެފުށް ފެންނަ މިންވަރާއި، މަޝްރޫޢާ ޙަވާލުވާ ފަރާތްތަކުގެ ޤާބިލުކަމާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް، އަތޮޅުތެރޭގައި ހިންގާ މަޝްރޫޢުތަކާމެދު ދެކެވޭ ވާހަކަތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އެއީ ”ކުދިކުދި މަޝްރޫޢުތަކެއް“ ކަމުގައެވެ. މި ތަފާތު ވިސްނުމަކީ އިތުރަށް ދިރާސާކޮށް ބަލަންޖެހޭ ކަމެކެވެ.
މަޝްރޫޢެއްގެ އަގު ވަޒަންކުރުމުގައި އެންމެ މުހިންމު އެެއް ކަމަކީ އެ މަޝްރޫޢަކުން ރައްޔިތުންނަށް ލިބޭ މަންފާގެ މިންވަރެވެ. މިސާލަކަށް، ރަށެއްގައި އޭޓީއެމްއެއް ޤާއިމުކުރުމަކީ އެ ރަށެއްގެ ރައްޔިތުންނަށް ލިބޭ ފާހަގަކޮށްލެވޭ ފަދަ ފަސޭހައެކެވެ. ހަމައެފަދައިން، ސިއްޙީ މަރުކަޒެއްގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމަކީވެސް އެ ރަށެއްގެ ރައްޔިތުންނަށް ލިބޭ އަގުހުރި ޚިދުމަތްތަކެކެވެ.
ތަޢުލީމީ ދާއިރާއަށް ނަޒަރު ހިންގާއިރު، ރަށެއްގެ ސްކޫލެއްގައި މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރުމަކީ އެ ރަށެއްގެ ދަރިވަރުންނަށް ލިބޭ މުހިންމު ކުރިއެރުމެކެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންނަށް އިތުރު ޙަރަކާތްތކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި، ތަޢުލީމީ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސިޔާސީ ފާޑުކިޔުންތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކަށް ”ކުދި މަޝްރޫޢުތައް“ ކަމުގައި ސިފަކޮށް، އޭގެ އަގު ދަށްކޮށްލުމަކީ ރައްޔިތުންގެ ބޭނުންތަކަށް އިޙްތިރާމް ނުކުރުމާ އެއްފަދަ ކަމެކެވެ. ކޮންމެ ސަރުކާރަކުން ތަންފީޒުކުރި ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ޤަދަރުވެރިކަމާއެކު ބަލައިގަތުމަކީ މުހިންމު ކަމެކެވެ.
ރައްޔިތުންނަށް މަންފާކުރާ ކޮންމެ މަޝްރޫޢަކީ އަގުހުރި މަސައްކަތެކެވެ. މަޝްރޫޢެއްގެ ބޮޑުކުޑަމިނަށް ބަލައި، އޭގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، އެ މަޝްރޫޢަކުން ރައްޔިތުންނަށް ލިބޭ މަންފާއަށް އިސްކަންދިނުން މުހިންމެވެ. ސިޔާސީ ތަޢައްޞުބުން އެއްކިބާވެ، ރައްޔިތުންނަށް ލިބޭ ކޮންމެ ފައިދާއަކީ އަގުހުރި ކަމެއްގެ ގޮތުގައި ދެކުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުރިއެރުމަށް މުހިންމު ކަމެކެވެ.
އެހެންކަމުން، ވިސްނުން އިޞްލާޙުކޮށް، ރައްޔިތުންނަށް ލިބޭ ކޮންމެ ފަސޭހައަކަށް ޝުކުރުވެރިވާން ދަސްކުރަން ޖެހެއެވެ. މިގޮތުން، ކޮންމެ މަޝްރޫޢެއްގެ ފައިދާ އާއި ނަތީޖާ ވަޒަންކުރުމުގައި ހަމަހަމަ އަދި ތަޢައްޞުބުން އެއްކިބާވެފައިވާ ނަޒަރަކުން ބެލުމަކީ މުހިންމު ކަމެކެވެ.. އަދި ހަމައެހެންމެ، ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ކުރިއެރުންތައް ފާހަގަކޮށް، އެކަންކަމަށް އެކަށީގެންވާ އަގު ދިނުމަކީވެސް މުހިންމު ކަމެކެވެ.
އަޅުގަނޑުގެ ހިޔާލުގައި ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މާލެ އާއި އަތޮޅުތެރޭގެ ތަރައްޤީގެ ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މިކަން ޙާޞިލުކުރުމަށްޓަކައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރަންޖެހެއެވެ. މިގޮތުން، ކޮންމެ ރަށެއްގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެ ރަށަކަށް އެންމެ އެކަށޭނަ ގޮތަށް މަޝްރޫޢުތައް ރޭވުމަކީ މުހިންމު ކަމެކެވެ.
ޤައުމުގެ ތަރައްޤީއަކީ ހަމައެކަނި މާލެއަށް ނުވަތަ ވަކި ސަރަޙައްދަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ޙަޤީޤީ ތަރައްޤީއަކީ ޤައުމުގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ ކުރިއެރުމެވެ. އެހެންކަމުން، ކޮންމެ މަޝްރޫޢެއްގެ އަގު ވަޒަންކުރުމުގައި އެ މަޝްރޫޢަކުން ރައްޔިތުންނަށް ލިބޭ މަންފާއަށް ބަލައި، އިންސާފުވެރި ގޮތެއްގައި އެކަން ވަޒަންކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައްޔިތަކަށް ފައިދާވާ މަޝްރޫއެއްނަމަ އެއީ ކުޑަ މަޝްރޫއެއް ނޫން ކަމެވެ. ބަދަލުކުރަންވީ ވިސްނުމެވެ.

