ތ. ވިލިފުށީ އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ތަން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކޮށް، ރައްޔިތުންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް މުއިއްޒާއި އެންމެ ފަހުން ރަށު ކައުންސިލުން ކުރި ބައްދަލުވުމުގައި ވެސް ރަށުގެ ހިދުމަތްތައް ފުޅާކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކާއި އެކު އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދިއުން ވެސް ހިމެނެ އެވެ.
އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ ތ. އަތޮޅުގަ އެވެ.
އެގޮތުން މިރޭ ވިލުފުށީގައި އޮތް ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވިލުފުށިއަކީ ތަރައްގީގެ ރޮނގުން ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ރަށެއް ކަމަށެވެ. އަދި އެ މަގަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ، އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ގުޅުން ހުރި ކަންކަމާއި، ރަށްރަށަށް ބޭނުންވެފައި ހުރި ވަސީލަތްތަކާއި ގުޅުވައި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ގިނަ ވައުދުތަކެއްވެފައިވާނެ ކަމަށެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގެން ކުރެވުނު ދަތުރުތަކާއި، ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތައް ހައްލު ކުރައްވާނެކަމަށް ވައުދުވެފައި ވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް، ތަރުތީބު ވެގެން ކުރުމަށް ހަމެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ މުހިންމީ އެއާޕޯޓުގެ މަސައްކަތް ކަމަށެވެ.
އިރާދަކުރެއްވިއްޔާ މިހާރު އެ އެއާޕޯޓު އެޅުމަށްޓަކައި ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިފައި އެވަނީ.. މާދަމާ ރަސްމީކޮށް އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން..
އެއާޕޯޓުގެ މަޝްރޫއުއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރަންވޭގެ ދިގުމިނަކީ 1800 މީޓަރު ކަމަށެވެ. އަދި މި އެއާޕޯޓުގެ ބިން ހިއްކުމާއި، ހިއްކާ ބިން ހިމާޔަތްކޮށް ރަންވޭ ހެދުމުން ފެށިގެން ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތްތައް އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. އަދި މަސައްކަތް އެއަށް ވުރެ ލަސް ނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

