މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަނުގެ މެމްބަރުން އިންތިޚާބު ކުރުމާ ގުޅޭ ޤަވާއިދު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު އާންމުކޮށްފައިވާއިރު، 40 މާއްދާގެ މައްޗަށް އެކުލެވޭ މި ޤަވާއިދުގައި މުހިއްމު ގިނަ ކަންތައްތަކެއް ހިމެނިފައިވެއެވެ.
އޭގެ ތެރޭގައި އިންތިޚާބުގެ ކަންކަން ކުރިއަށްދާނެ ގޮތާއި، މެމްބަރުންނާއި މެމްބަރުންގެ މަންދޫބުންގެ ޝަރުތުތަކާއި، ތާއީދު ހޯދުމަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަމުގެ އިތުރުން، އިންތިޚާބުގެ ނަތީޖާއާ ގުޅޭ ކަންކަންވެސް ހިމެނިފައިވެއެވެ.
މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭ އިންތހާބު ބާއްވަން ޖެހެއެވެ. އެގޮތުން އިންހިތާބުގައި ވޯޓު ލެވޭނީ، ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ބްރޮޑްކާސްޓަރުންނާއި މީޑިއާތަކަށެވެ. އަދި ކޮންމެ ބްރޮޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 ވޯޓެވެ.
މީގެ އިތުރުން، އިންތިހާބަށް ކުރިމަތިލުމަށް 19 ދުވަހުގެ މުއްދަތެއް ދޭން ޖެހޭއިރު، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ކެންޑިޑެސީ ބަލައިގަތްކަން ނުވަތަަ ނޫންކަން 48 ގަޑިއިރު ތެރޭ އަންގަން ޖެހޭނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ޤަވާއިދު ބުނާ ގޮތުން ބްރޮޑްކާސްޓަރުން އިންތިހާބު ކުރުމަށް ވޯޓު ލެވޭނީ ބްރޮޑްކާސްޓަރުންނަށް އެކަންޏެވެ. އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ މެންބަރުން ހޮވަން ވޯޓު ލެވޭނީ ބްރޮޑްކާސްޓަރުން ފިޔަވާ އެހެން މީޑިއާތަކަށެވެ.
ހަމައެއާއެކު، ވޯޓުލާ ދުވަހު ކުރުން މަނާކަންތަކާއި ބާތިލު ވޯޓު ކަނޑައަޅާނެ ގޮތްތައް ވެސް ގަވައިދުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 06:00ން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 06:00 ގެ ނިޔަލަށް އެއްވެސް މީހަކަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ޤަވާއިދުގައި ހުރި އިތުރު ބައެއް ކަންކަމަށް ބަލާއިރު، ކޮމިޝަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، މަގާމު ހުސްވާތާ 39 ދުވަސް ތެރޭ އިތުރު އިންތިހާބެއް ބާއްވަން ޖެހޭނެއެވެ.
މި ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ރައީސްވެސް އައްޔަނު ކުރާނީ މަޖިލީހުންނެވެ. އަނެއް 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ. އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ 2 މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ 2 މެންބަރުން ހިމެނޭނެ އެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އަދި އެ ފަސް މެމްބަރުން ވާން ޖެހެނީ ސިވިލް ސާވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެ ކޮމިޓީގެ މެމްބަރުން މިހާރު ވަނީ އައްޔަނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ، އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ، އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ، އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ އަދި އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ) އެވެ.
މި ކޮމިޓީއަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، އިދާރީ މަސައްކަތްތަކާއި، މައްސަލަ ބަލައިގަތުން ހިމެނެއެވެ. ނަމަވެސް މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫނެވެ.

