ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ރައީސް ޑރ މުހައްމަސު މުއިއްޒު ނޫސްވެރިންގެ ފެންޑާ ހުޅުއްވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ކަނޑައަޅުއްވާ، މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ނިންމުމުގެ ދަށުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު، ”ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު“ގައި ވަނީ ހިމެނިފައެވެ. އަދި ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ވަނީ އޮންލައިން ޕޯޓަލެއް ޤާއިމުކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޫކުރާނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ މީޑިއާތަކަށެވެ. އެގޮތުން، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ މީޑިއާތަކަށާއި، ޤާނޫނު ނަންބަރު 47/78 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ މީޑިއާތަކަށް މި އެހީ ލިބޭނެއެވެ.

މި އެހީތެރިކަން ދިނުމުގައި ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މީޑިއާތަކަށް ލިބޭ މާލީ އެހީގެ ތަފްޞީލާއި، އެހީ ލިބޭ މީޑިއާއަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ. މީގެއިތުރުން ޝަކުވާ ބަލައި ޖަވާބުދާރީވުމުގެ އެންމެހައި މަރުޙަލާތައް ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

މި އެހީތެރިކަމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާތައް ބާރުވެރިކޮށް، މާލީ މިނިވަންކަން ލިބި، ނުފޫޒުން އެއްކިބާވެފައިވާ ޒިންމާދާރު މީޑިއާއެއް ޤާއިމުކުރުމެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓް މި ކަމަށް ކަނޑައެޅިގެންދާނެކަމީ މީޑިއާގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މާލީ އެހީ ލިބުމަށްޓަކައި، މީޑިއާތަކުން ވަރަށް ގިނަ ޝަރުތުތައް ފުރިހަމަކުރަންޖެހެއެވެ. އޭގެ ތެރޭގައި ޤާނޫނު ނަންބަރު 47/78 ނުވަތަ 16/2010 ގެ ދަށުން ރަޖިސްޓަރީ ނުވަތަ ލައިސަންސް ލިބި، މެދުނުކެނޑި މަދުވެގެން 3 އަހަރު ހިންގާފައިވުން ހިމެނެއެވެ. އަދި، ޢާންމު ފަރާތްތަކުން މީޑިއާއާ މުޢާމަލާތްކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ މަޢުލޫމާތު ޢާންމުކޮށްފައިވުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސްއާއި އެޑިޓޯރިއަލް ސްޓޭންޑަޑްސް ޢާންމުކޮށްފައިވުން ވެސް މަޖުބޫރެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަމުންދާ ފަރާތަކަށްވުމާއި، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަން ސްކީމުގައި ބައިވެރިވެ، ދައްކަންޖެހޭ ފައިސާ ދައްކަމުންދާ ފަރާތަކަށްވުން ވެސް ޝަރުތެކެވެ. ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008) އާ އެއްގޮތަށް، ވަޒީފާގެ އެއްބަސްވުމާއި ބަޔާންތައް އެކުލަވައިލައި، މުވައްޒަފުންގެ މުސާރަ މަހުންމަހަށް ބޭންކު މެދުވެރިކޮށް ޖަމާކުރާ ފަރާތަކަށްވުން ވެސް މުހިންމެވެ. ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ދަރަނި އަދާކުރަމުންދާ މަސްއޫލުވެރި ފަރާތަކަށްވުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މި ޝަރުތުތަކުން ދައްކުވައިދެނީ މީޑިއާތަކުގެ ހިންގުން ހަރުދަނާކޮށް، އިތުބާރު ހިފޭނެ ފަރާތްތަކަށް އެހީ ދިނުމުގެ މަގުސަދެވެ.

2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1% (ސުމެއް ޕޮއިންޓު އެކެއް އިންސައްތަ) މީޑިއާތަކަށް ހަމަޖެހޭނެއެވެ. މި ފައިސާ ބަހާލެވޭނީ ވަކި އިންސައްތަތަކަކަށް ކަނޑައަޅައިގެންނެވެ. އެގޮތުން ބްރޯޑްކާސްޓް މީޑިއާތަކަށް 35% (ތިރީސްފަހެއް އިންސައްތަ) އަދި ޕްރިންޓް/އޮންލައިން މީޑިއާތަކަށް 65% (ފަސްދޮޅަސް ފަހެއް އިންސައްތަ) ދޫކުރެވޭނެއެވެ.

މާލީ އެހީގެ ފައިސާ ޖަމާކޮށްދެވޭނީ އެ މީޑިއާއެއްގެ ނަމުގައި ބޭންކުގައި ހުޅުވައިފައިވާ އެކައުންޓަކަށެވެ. މާލީ އަހަރުގެ ތެރޭގައި ގިނަވެގެން 3 ޕޭމަންޓަށް ބަހައިލައިގެން ފައިސާ ދޫކުރާނެއެވެ. ފުރަތަމަ ޕޭމަންޓުގައި ޖުމުލަ އަދަދުގެ 50% ދޫކޮށް، ބާކީ 25% ގެ 2 ޕޭމަންޓް ދޫކުރާނެއެވެ. ނަމަވެސް، 2025 ވަނަ އަހަރު މި އުސޫލުގެ ދަށުން ދޫކުރާނީ އެކެއް ޕޭމަންޓުގެ ގޮތުގައެވެ. ފައިސާ ލިބޭނީ މި އުސޫލުގެ ޖަދުވަލު 3 ގައި ބަޔާންކުރާ އިޤްރާރުގައި ސޮއިކުރުމުންނެވެ.

ދެވަނަ އަދި ތިންވަނަ ޕޭމަންޓް ދޫކުރާނީ، ޕަބްލިކް ސަރވިސް ކޮންޓެންޓް އުފެއްދުމާއި، ވަޞީލަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރި ކަންކަމުގެ ތަފުސީލު ރިޕޯޓު ހުށަހެޅުމުންނެވެ. މިއީ އެހީގެ ބޭނުން ހެޔޮގޮތުގައި ކުރެވޭކަން ކަށަވަރުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ. މީޑިއާގެ ޝަރުތެއް އުނިވެއްޖެނަމަ ނުވަތަ ޤާނޫނާ ޚިލާފުވެއްޖެނަމަ، އިތުރު ފައިސާއެއް ދުލެއް ނުކުރެވޭނެއެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ މީޑިއާގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ނިންމުމެކެވެ. މި ނިޒާމުގެ ސަބަބުން މީޑިއާތަކުގެ މާލީ ޤާބިލުކަން އިތުރުވެ، މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: