ތ. އޮމަދޫ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި ވަނީ ކުންފުންޏަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދޫކޮށްފައިވާއިރު ވެސް، އެ ކުންފުނިން މަސައްކަތް ކުރިޔަށް ނުގެންދާތީކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް އަވަސް ހައްލެއް ހޯއްދެވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.
ރަށުގެ ތަރައްގީއަށް ހުރި ކަންކަމުގައި ރަނގަޅު ގޮތުގައި ކުރިޔަށް ދިއުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ވަގުތު އޮމަދޫގައި އެންމެ ދަތިކަމަކަށްވެފައި މިވަނީ ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި ވާތީ ކަމަށެވެ.
އެންމެ ފަހުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރި އިރު ވެސް އައި އެންމެ ބޮޑު ކަމަކީ މި މައްސަލައަށް އެއްވެސް މިންވަރަކަށް ހައްލެއް އައިސްފައި ނެތުން.. މިކަން މިހެން ދިމާވީ ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން އަޅުގަނޑު ބޭނުންވޭ. މި މަޝްރޫއު ހިންގާނީ އަމިއްލަ ކުންފުންޏަކުން… އެ ފަރާތަށް މިދިޔަ ދުވަސްތަކުގައި ވާނީ ދޭން ޖެހޭ ހުރިހާ ފައިސާއެއް ދޫކޮށްފައި. މިހާރު އެ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ޕެންޑިން ބިލެއް، ދޭން ޖެހޭ ފައިސާއެއް ނެތް. އެއްކޮށް ކްލިއަރކޮށް ވަނީ ނިމިފައި…
ރައީސް ވިދާޅުވީ، އެހެންކަމުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އެއްވެސް މިންވަރަކަށް ކުރިޔަށް ނުގެންގޮސް ތިބެން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. ފައިސާ ދެވި، މަޝްރޫއު ކުރިޔަށް ގެންދެވޭނެ ގޮތް ވާނީ ހަދައިދީފައިކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ސަރުކާރުން ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ އެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެގްރިމަންޓު ކެންސަލް ނުކޮށް ކުރިޔަށް ދެވޭތޯކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ވާހަކަ ދައްކައިގެން ވެސް ހައްލެއް ނުފެންނަ ހާލަތެއްގައި، ގާނޫނީ ހަމަތަކުގެ މަތީން އެގްރިމަންޓަށް ނިމުމެއް ގެނައުން ނޫން ގޮތެއްކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެން މިބަލަނީ އެގްރިމަންޓު ކެންސަލް ނުކޮށް އެ މީހުން މަސައްކަތްކޮށް ނިންމޭނެ ގޮތެއް ހެދެތޯ…. ކޮންމެ ގޮތެއް ވިޔަސް މަސައްކަތް ކުރިޔަށް ނުގެންދާކަމަށް ވާނަމަ ގާނޫނީ ހަމަތަކުގެ މަތީން އެގްރިމަންޓަށް ނިމުމެއް ގެންނާނަން.. އެހެން ގެނެސްގެން ވިޔަސް، އެހެން ބަޔަކާއި ހަވާލުކޮށްގެން ވިޔަސް އެ މަސައްކަތަށް ނިމުމެއް ގެނެވޭ ހިސާބަށް ގެންނާނަން…
މި މަސައްކަތް ނުނިމި ހުއްޓިފައިވާތީ ވަރަށް ގިނަ އުނދަގޫތައް ރައްޔިތުންނަށް ދިމާވާކަން އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް އެ ކުންފުނި މެދުވެރިކޮށް މަސައްކަތް ކުރިޔަށް ގެންދިއުމަކީ ސަރުކާރު އެދޭ ގޮތެއް ކަމަށާއި، އެ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް މިހާރު ނެތްކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި ދަތުރު ނިންމާލުމަށް ފަހު އެ ކުންފުންޏާއި ވާހަކަ ދައްކައިގެން އަލި މަގެއް ފެނޭތޯ ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަވަހަށް މަސައްކަތް އަލުން ފެށި ކުރިޔަށް ދާގޮތެއް ނުވާނަމަ، އެއްބަސްވުން ބާތިލު ކުރާނެކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ. މިކަމުގައި ވަަރަށް ގާތުން ވަރަށް އިސްކަން ދީގެން މިކަން ހައްލުވޭތޯ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ޕެންޑިން ބިލެއް ނުބަހައްޓައި ކުރިޔަށް ދިއުމަށްޓަކައި ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އޮމަދޫގައި ހުއްޓިފައިވާ އަނެއް މަޝްރޫއަކީ ރަށުގެ ސްކޫލުގެ މަސައްކަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރިސޯސެސް ހަމަކޮށްދީގެން ކުރިޔަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާލުމަކީ ސަރުކާރު ބޭނުންވާ ގޮތް ކަމަށާއި، ދިރާސީ އައު އަހަރު ފެށެންވާއިރަށް މި މަސައްކަތް ނިންމާނެކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.
މަސައްކަތް އެއްކޮށް ނިމޭއިރު މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމްތައް އިތުރުކުރުން ވެސް ހިމެނޭ ގޮތަށް ހުރިހާ އިންތިޒާމެެއް ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ރަނގަޅު ގޮތުގައި ކުރިޔަށް ދޭތޯ ކަށަވަރު ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި އޮމަދޫގެ ތަރައްގީއަށް ބޭނުންވާ އެހެންކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި، ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވީ ކޮންމެ ވައުދަކީ ރަނގަޅު ޕްލޭނެއް އޮވެ، އެކަން ކުރިޔަށް ގެންދާނެ ގޮތް ބަލައި ވެފައިވާ ވައުދުތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

