60 އަހަރާއި ގާތްކުރާ މުއްދަތަކަށްފަހު ފުރަތަމަ ފަހަރަށް ސީރިޔާގެ ރައީސަކު އދގެ އާންމު މަޖިލީހުގައި ތަގުރީރެއް ދީފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުުން ބުނާގޮތުން ސީރިޔާގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އަހުމަދު އަލް ޝަރާވަނީ ގިނަ އަހަރުތަކަކަށް ފަހު އދގައި ތަގުރީރުކުރައްވައި ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފައެވެ. އޭނާ ވާހަކަދެއްކެވިއިރު ސީރިޔާގެ އެކި ކަންކޮޅުތަކުގައި އެތަކެއް ބަޔަކު ސްކްރީނުތަކުގެ ގާތަށް އެއްވެ ގައުމީ ދިދަ އުފުލައި ވިހުރުވާލާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ދެއްވި ތަގުރީރުގައި އަލް ޝަރާ ވިދާޅުވީ، 60 އަހަރުގެ މުއްދަތަކަށް އެ ގައުމުގައި ހުދުމުހުތާރު ވެރިކަމެއް ކޮށްފައިވާއިރު މިލިއަނަކާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށެވެ. ނަމަވެސް މިހާރު މި ކުރެވޭ މަސައްކަތްތަކުން ބައިނަލްއަގުވާމީ މުޖުތަމައުގައި ސީރިޔާއަށް ހައްގު ޖާގަ ކަށަވަރުކުރުން ފެށިގެންދާކަމަށެވެ.
މީގެ ކުރިން އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު އދގެ އާންމު މަޖިލީޙުގައި ތަގުރީރުކުރައްވާފައިވަނީ އަރަބިންނާއި އިސްރާއީލުގެ ދެމެދު ކުރެވުނު ހަނގުރާމައަށްފަހު 1967 ވަނަ އަހަރުގައެވެ. ރައީސްކަމުގައި ހުންނެވި އަޓާސީގެ ވެރިކަން ލޭ އޮހޮރުވުމެއް ނެތި ހިންގި ބަގާވާތަކުން ވައްޓާލުމަށްފަހު އައްސަދު އާއިލާއިން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން އެމެރިކާ އަދި ބައިނަލްއަގުވާމީ މުޖުތަމައާއި ދެމެދު އޮތް ގުޅުންވެސް އިންތިހާއަށް ހީނަވެގެންދިޔައެވެ. ވޭތުވެދިޔަ އަހަރުތަކުގެ މަތިން އެ ގައުމު ތަމްސީލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މަންދޫބުންގެ ގޮތުގައި ހާރިޖީ ވަޒީރުން ފޮނުވައިގެންނެވެ.
އައްސަދު އާއިލާއިން ހުދުމުހުތާރު އުސޫލުތަކުގެ މަތިން އެ ގައުމު އިންތިހާއަށް ފަހަތަށް ސޮއްސާލި ވެރިކަމެއް 54 އަހަރުގެ މުއްދަތަކަށް ކޮށްފައިވާއިރު އާއިލީ ވެރިކަން ނިމިގެންދިޔައީ އަލް ޝަރާ އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްތަކެއް މެދުވެރިކޮށް އޭރު ރައީސްކަމުގައި ހުންނެވި ބައްޝާރުލް އަސަދަށް ގައުމު ދޫކޮށް ފުރުމަށް މަޖުބޫރުކޮށްގެންނެވެ.
ތަގުރީރުގެ ތެރެއިން އަލް ޝަރާވަނީ އިސްރާއީލަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ. މިގޮތުން އައްސަދުގެ ވެރިކަން ވެއްޓުނީއްސުރެވެސް އިސްރާއީލުން އެ ގައުމަށް ނުރައްކާތައް ކުރިމަތިކުރަމުންދާކަމަށާއި އެ އަމަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރޭގައި ގެންގުޅޭ ސިޔާސަތުތަކާއި ހިލާފު އަމަލުތަކެއްކަމަށެވެ.

