ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއީ ދުޅަހެޔޮކަމެއް ނެތް، ސަބަބުތައް މިހުރީ!

ރާއްޖޭގެ ދެ ފަރާތް: ދިވެއްސަކު މަގުމަތީ ނިދާފައި، ފަތުރުވެރިޔަކު ލަގްޝަރީ ނިދިކުރުމެއްގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަގްޝަރީއަށް މަޝްހޫރު މި ރާއްޖޭގައި ގިނަ ރައްޔިތުންގެ ހަގީގަތް ވަރަށް ތަފާތެވެ. މަދު ބަޔަކަށް އެ ބުނާ އުފާވެރިކަމާއި މޮޅުތައް ހާސިލުކުރެވުނު ނަމަވެސް ގިނަ މީހުންނަށް އިޖްތިމާއީ ހަމަޖެހުން ހާސިލުކުރެވިފައިވާކަމަށް ނުދެންނެވޭނެއެވެ. އަހަރަކުން އަހަރަކަށް އިޖްތިސާދު ވަރުގަދަވަމުންދާނަމަވެސް އިޖްތިމާއީ ރައްކައުތެރިކަން ލިބިދޭ މިންވަރު އިތުރުނުވެއެވެ. މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް ގިނަ ރައްޔިތުންނަށް އެ ނިޒާމު އޮތީ ނާއުންމީދީ ގޮތެއްގެ މަތީގައެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިޔަކަށް ގެކޮޅަކާއި އެނދެއް ކަށަވަރުކުރުމަށް އަހަރުން އަހަރަށް ބުރަ މަސައްކަތްތަކެއް ކުރާއިރު ދިވެހި ރައްޔިތުންގެ މި ތަކުލީފަށް ނިމުމެއް ގެނައުމަށް އެ ބީދައިން މަސައްކަތްކުރާތަން ފެންނަން އަދި އޮތީއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ މުއައްސަސާތަކުން އިޖްތިމާއީ ހަމަޖެހުން ކަށަވަރުކުރުމަށް އެކި މަސައްކަތްތައް ކުރެއެވެ. އެއް ނަޒަރިއްޔާއިން ބަލާއިރު އެކަމަކަށް ހާއްސަ މިނިސްޓްރީއެއް ނުވަތަ އިދާރާއެއް އޮތުމަކީ މަސައްކަތްތައް ހަރުދަނާކުރެވިގެންދާނެކަމަށް އުންމީދުކުރަންވީ ކަމެކެވެ. ނަމަވެސް ހަގީގަތް ވަރަށް ތަފާތެވެ. އެކި މުއައްސަސާތަކުގެ ދެމެދު މުއާމަލާތްތައް ކުރެވޭ މިންވަރު ރަނގަޅެއް ނޫނެވެ. އެއްތަނަކުން ހުރިހާ މައުލޫމާތެއް ފެންނާނެ ނިޒާމެއް ނެތް ހާލަތުގައި ލިބެންޖެހޭ މީހާއަށް ލިބެންޖެހޭ އެތި ނުލިބި ކޮންމެހެން ދޭން ނުޖެހޭ މީހާއަށް ދެވުމުގެ ކުށް ދިމާވެއެވެ. ޓާގެޓެޑް ސަބްސިޑީ ދިނުމުގެ އުސޫލެއް ގެނައުމުގެ ވާހަކަތައް ދެއްކިއިރު މިހާރު އޮތް ސަރުކާރުގެ ފަރާތުންވެސް މިފަދަ ކަންކަން މީގެ ކުރިން ހިނގަމުން އައިސްފައިވާކަމުގެ ކަންބޮޑުވުން އިވިފައިވެއެވެ.

ބައެއް ދާއިރާތަކަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ދާއިރާތަކެކެވެ. އަތްތެރިކަން ފަދަ ދާއިރާތަކަކީ ރަސްމީ ޕެންޝަން ނިޒާމުން އެއްކިބާ ކުރެވިފައިވާ ދާއިރާތަކެކެވެ. މަސްވެރިންނަށް ލޯނުގަނޑެއް ދެވޭ މިންވަރުވީ އަދި ކިރިޔާއެވެ. ބައެއް މީހުން މަސައްކަތެއްގައި އުމުރު ހޭދަކޮށް ނިންމާއިރު އެމީހަކީ އެކަށީގެންވާ ގޮތެއްގައި މުޖުތަމައަށް ހިދުމަތްތަކެއް ކުރިކަމަށް ރަސްމީ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ބައެކެވެ. މިއީ އެބައެއްގެ ކުށެއް ނޫނެވެ. ރުހުނަސް ނުރުހުނަސް އެންމެންގެ ރައްކައުތެރިކަމަށްޓަކައި އާންމު މުޖުތަމައުގެ ތެރޭގައި ޒައްރެއްގެ ހިދުމަތެއް ދިނަސް އެމީހަކީ ހިދުމަތްތެރިއެއްގެ ގޮތުގައި ލިޔެކިއުމަކުން ފެންނަން އޮންނަ ބަލައިގަންނަ އަދި ބައްޓަންކުރެވިފައިވާ އެކި ލުއިފަސޭހަތަކަށް އަތްފޯރާނެ މީހެއްކަން ކަށަވަރުކޮށްދޭންޖެހެއެވެ. ގިނަ އަދަދެއްގެ އޮފީސްތައް ހަދައިގެން ގިނަ އަދަދެއް މުއައްޒަފުން ނަގައިގެން މަސައްކަތްތައް ކުރުވާއިރު އިންޝުއަރެންސް ކުރުވުން ނުވަތަ ކޮށްދިނުމުގެ އުސޫލު އޮތީ ކިތައް ތަނުގައިތޯ ބަލާލުން ރަނގަޅެވެ.

ރާއްޖެ ގުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތް ހުއްޖަތެއްގެ ގޮތުގައި ދައްކައި ވޭތުވެދިޔަ އެތަކެއް އަހަރުތަކެއްގެ މަތިން ދިވެހިންގެ އެތައް ބަޔަކު ތިބީ އާންމު ހިދުމަތްތަކުން މަހުރޫމްކޮށްފައެވެ. ގިނަ ބަޔަކު ތިބީ އަސާސީ ހިދުމަތްތަކެއް ލިބިގަތުމުގެ ބޭނުމުގައި މާލެ އައުން މަޖުބޫރުވެފައެވެ. މިހާރު އޮތް ސަރުކާރުން މިފަދަ ބައެއް ކަންކަމަށް ނިމުމެއް ގެނައުމަށް އެބަ މަސައްކަތްކުރެއެވެ. އެއްބަޔަކު ހީހީފަ އެކަމަށް ފާޑުކިޔަސް އޭޓީއެމް ބެހެއްޓުމަކީ އެފަދަ އެއް މަސައްކަތްތަކެކެވެ. ޑިޖިޓަލް ބެންކިންގް ނިޒާމެއް ތަރައްގީގެ މި ޒަމާނުގައި ނެތް އެންމެ ރަށެއްވެސް ހުރެގެން ނުވާނެއެވެ. ކަރަންޓާއި ފެނަކީ މިފަދަ އެއް ހިދުމަތެވެ. އެކި ވެރިން އައިސް އެކި ވެރިކަންތައް ނިމިދިޔައިރު ދެވުނު ހިދުމަތްތަކަށްވުރެ ކޮރަޕްޝަންގެ ވާހަކަތައް ގިނައެވެ. އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމުގެ ނަމުގައި ބިލިއަން ކުރި ހަރަދުތަކުގެ ނަތީޖާ ފެންނާކަށް ނެތެވެ. ދުނިޔެ ޑިޖިޓަލް އޭޖަށް ވަދެގެންދިޔައިރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް، ޑރ މުހައްމަދު މުއިއްޒުއަށް ޖެހިވަޑައިގެންނެވީ އެ މަސައްކަތްތައް އޮތް ތަނުގައި ބާއްވައި ފުރަތަމަ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭންށެވެ. ކުރިން ތިބި ވެރިން ނުކޮށް އޮތުމުންނެވެ.

ސިޔާސީގޮތުން ކުރެވޭ ބައެއް މަސައްކަތްތަކުގެ ސަބަބުން ނުވަތަ ބައެއް މީހުން ސިޔާސީ މަސައްކަތްތައް ކުރާގޮތުގެ ސަބަބުންވެސް ތަރައްގީގެ އެންމެ މުހިންމު އެއް ހަރުފަތްކަމަށްވާ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުވެފައި އޮތުމުގެ ލަނޑުދަނޑި ހާސިލުކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ބަޔަކު ރަނގަޅަށް ކަމެއް ކުރިޔަސް އެކަމަށް ފާޑުކިޔައި ހަގީގަތް އޮޅުވާލައިގެން ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އާލާކުރެއެވެ. މިފަދަ ސަބަބުތަކަށް ބައެއް މަސައްކަތްތައް މަޑުޖައްސާލަންޖެހެއެވެ. އިރު އިރުކޮޅާ ވެރިން ބަދަލުވަމުންދިއުމަކީވެސް މިކަން ދިމާވާ އެއް ސަބަބެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރެވުނު ވަރަށް ލާމަސީލު މަސައްކަތްތަކެއް ފެންނަން އެބައޮތެވެ. ބެޔަސް ނުބެޔަސް މަސްވެރިންނަށް ފައިސާ ދިނުމަކީ ވަޒީފާ ގެއްލިއްޖެ ހާލަތެއްގައި ނުވަތަ މަސައްކަތްތައް ނުކުރެވިގެން އާމްދަނީއެއް ކަށަވަރުނުކުރެވޭ ހާލަތަށް އެކަށައަޅަންޖެހޭ އަން އެމްޕްލޮއިމެންޓު އިންޝުއަރަންގެ ފުރިހަމަ މިސާލެކެވެ. މިއީ މަސްވެރިންނަށް މަހަށް ނުދެވޭ ދުވަސްވަރުވެސް އެވެރިންގެ ހައްގުތައް ރައްކައުތެރިކުރެވޭކަން ޔަގީންކުރުމަށްޓަކައި އޭރު އޮތް ސަރުކާރުން ގެނައި ހެޔޮ ވިސްނުމެކެވެ. ވަރަށް ސިޔާސީ ފާޑުކިޔުންތަކާއި ގޮންޖެހުންތައް އަމާޒުވިއެވެ.

ހަމަ މިފަދައިން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ދީދީއަކީވެސް މިފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ސީދާ ގޮތެއްގައި އަން އެޕްލޮއިމެންޓު އިންޝުއަރެންސްގެ ގާނޫނެއް ވުޖޫދަށް ގެނައުމަށް ހުށައެޅުއްވިއެވެ. މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މަޖިލީހުން ކުރި މަސައްކަތްތަކެކެވެ. ނަމަވެސް އެމްޑީޕީގެ ސުޕާރ މެޖޯރިޓީ އޮތް މަޖިލީހަށް އެ ބިލު ފާސްކުރެވިފައިނުވެއެވެ. މިފަދަ މުހިންމު ކަމެއްގެ ބަދަލުގައި ދައުރުގެ ފަހުކޮޅުގައި ހުށައެޅި ބިލު ފާސްނުކޮށް އޭރު އޮތް މަޖިލީހުން އުޅުނީ އަވަދިނެތި ރައީސްކަމުގައި ހުންނެވި ޑރ މުއިއްޒުއަށް ދުއްތުރާ ކުރާށެވެ. އަޒުލުކުރުމުގެ ބިރު ދެއްކުން ފަދަ އަމަލުތަކުގެ ތެރެއިން ރައްޔިތުންނާއި ގުޅުންހުރި ކަންކަން އަތުން ކައްސާލީއެވެ. ދައުރު ނިމި މަޖިލީހަށް އައު މެމްބަރުން އައްޔަނުވެގެންދިއުމާއިއެކު މިހާރު އެ ވާހަކަތަކެއް ނުދެކެވެއެވެ.

މިއީ ދަތި އުނދަގޫކަމެއް ނަމަވެސް ކުރެވޭނެ ކަމެއްކަން އެނގެއެވެ. ގިނަ އަދަދެއްގެ ގައުމުތަކުގައި 2 އަހަރާއި 1 އަހަރު ދުވަހުގެ މުއްދަތަކަށް ވަޒީފާ ގެއްލުމުގެ ކުރިން ލިބެމުންދިޔަ މުސާރައިގެ 87 އިންސައްތައާއި 65 އިންސައްތައާއި ދެމެދުގެ އަދަދަކަށް ދެމުންދެއެވެ. މިފަދަ ކަންކަން ކުރަނީ ހިދުމަތްތެރިކަން ދެވޭނެކަން ކަށަވަރު މުޖުތަމައަށް ބޭނުންތެރި މީހަކު ދަތިކަމުގެ ތެރެއަށް ގެއްލި މަޖުބޫރީ ހާލަތުގެ ވަކިތަކުގައި ޖެހި އިޔާދަނުކުރެވޭ މިންވަރަށް ޒަހަމުވެގެން ނުދާކަން ކަށަވަރުކުރުމަށެވެ. މަސައްކަތްތެރިކަމުގެ މައިދާނުން ގެއްލިގެންދާ ކޮންމެ އަތަކީ ގައުމަށް ވެގެންދާ ގެއްލުމެކެވެ. މިފަދަ މަސައްކަތްތައް ކުރަނީ ޕެންޝަނާއި އެފަދަ އެހެނިހެން ނިޒާމުތައް މެދުވެރިކޮށެވެ.

ރާއްޖޭގައި ނުކުރެވޭނެކަމަށް ނުބުނެވޭނެ ސަބަބުތައްވެސް އެބަހުއްޓެވެ. ވޯލްޑް ބެންކު ފަދަ މުއައްސަސާތަކުންދަނީ ރާއްޖޭގެ ލޭބާރ މާކެޓު ތާކުންތާކު ޖެހޭ ފެންވަރު ރަނގަޅު ނިޒާމަކަށް ހެދުމަސްޓަކައި ފަންޑުވެސް ކުރަމުންނެވެ. މިފަދަ އެއް ޕްރޮޖެކްޓަކީ ސަސްޓެއިނަބަލް އެންޑް އިންޓާރ ގްރޭޓެޑެޓް ލޭބާރ ސާވިސަސް ނުވަތަ ސެއިލްސް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ ދަށުން ކޮންޓްރިބިއުޓަރީ އަންއެމްޕްލޮއިމެންޓު ސްކީމެއް ތައާރަފްކުރުމަށް އަމާޒު ކުރެވިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ތެރޭގައި ފެށިގެންދިޔަ މަސައްކަތްތަކެއް ނަމަވެސް އަދި އެއްވެސް ސްކީމެއް އަމަލީގޮތުން ފެށިފައިނުވެއެވެ.

އެހެންކަމުން ރާއްޖޭގައި މައްސަލައަކީ ފަންޑު ލިބެން ނެތުން ނޫންކަން އެނގެއެވެ. ދުނިޔޭގެ ގިނަ ޖަމްއިއްޔާތަކާއި އަވަށްޓެރި ގައުމުތަކުންވެސް އެކަމަށް އެހީވާނެއެވެ. މައްސަލައަކީ ތާކުން ތާކު ނުޖެހޭ އަމާޒެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގިނަ މަސައްކަތްތަކެއް ނުނިމިދާ މައްސަލައެވެ. ޕްލޭނެއް ހެދިޔަސް ތަންފީޒުނުކުރެވޭނަމަ ކިތަންމެ އޮއްޓަރުހުރިޔަސް އެއީ އަގެއް ހުރި އެއްޗަކަށް ނުވާނެއެވެ. މިހާރު އޮތް ގޮތަށް ކަންކަން ކުރިއަށްދާނަމަ މަގުމަތީގައި ނިދާފައިތިބޭ މީހުން ފެންނަ މިންވަރުވެސް އިތުރުވާނެއެވެ. މުޖުތަމައުގެ ތެރޭގައި މަޖުބޫރީ ހާލަތުގެ ނިޔާގައި ދިރިއުޅޭ މީހުންނާއި އެފަދަ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް އިތުރުވާނެއެވެ. ގައުމެއްގައި ކިތަންމެ ބޮޑެތި އިމާރާތްތަކެއް އެޅިޔަސް ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ހިތްހަމަޖެހުމާއި އުފާވެރިކަން ނެތްނަމަ އެތަނަކީ ތަރައްގީވެފައިވާ ތަަނެއްގެ ގޮތުގައި ނުގުނޭނެއެވެ. މިވަގުތު ރާއްޖޭގައި އިޖްތިމާއީ ދުޅަހެޔޮކަމަކީ ކަށަވަރުވެފައި އޮތް އެއްޗެއް ނޫނެވެ. މިހެން ދަންނަވަނީ އެއްވެސް ހާލަތެއްގައި ވަކި ސަރުކާރަކަށް ފާޑުކިޔާކަށެއް ނޫނެވެ. މިއީ އެންމެނަށްވެސް އެކަމުގެ އަސަރުކުރާ ކޮންމެހެން ހައްލު ގެނައުން މުހިންމު މައްސަލައެއް ކަމަށްވުމުން ސިޔާސީ ވިސްނުމެއްގައި ނުޖެހި މިފަދަ ކަންކަމާއި ވިސްނައި ފިކުރުކުރުން ގައުމުގެ ތަރައްގީއާއި ހަމަޖެހުމަށް ކޮންމެހެންވެސް ބޭނުންތެރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: