ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާކަމަށް އޮޑިޓު ރިޕޯޓުން ފެންމަތިވި ބޮޑެތި ހިޔާނާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އަވަސްކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،
އެމަނިކުފާނު މިހެން ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓާއި އެކު ފެންމަތިވި ހިޔާނާތުގެ މައްސަލަކާއި ގުޅިގެންނެވެ.
2021 އިން 2023 އަށް ފެނަކަ ހިންގާފައިވާ ގޮތާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކަ ކުންފުނީގެ މާލީ ހާލަތު އަހަރުން އަހަރަށް ދިޔައީ ގޯސްވަމުންނެވެ. އެގޮތުން ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއާއި، ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރި ފައިސާ އެކަށީގެންވާ ގޮތެއްގައި މެނޭޖް ނުކުރެވުމުގެ ސަބަބުން، ކުންފުނީގެ ދަރަނި އިތުރުވެ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތްކަން ރިޕޯޓުން ވަނީ ހާމަވެފައެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 773 ބިލެއް ނުދައްކާ ހުރިއިރު، މި ބިލުތަކުގެ ޖުމްލަ އަދަދަކީ 2.98 ބިލިއަން ރުފިޔާއެވެ.
އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ނަމަވެސް، އެމްޑީޕީ ވަނީ އެ ވާހަކަތައް ދިފާއުކޮށްފަ އެވެ. އަދި މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ވެސް ބޭރުކޮށްލަ އެވެ.
ފެނަކައިގެ އޮޑިޓު ރިޕޯޓުގެ ވާހަކަތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ކަމާއިބެހޭ އިދާރާތަކަށް އަންގަވާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އޮޑިޓް އޮފީހަކީ ސަރުކާރުގެ އެއްވެސް ނުފޫޒެއް އޮތް މުވައްސަސާއެއް ނޫންކަމަށާއި، މި ރިޕޯޓްގައި ސީރިއަސްކޮށް ބަލަން ޖެހޭ އެތައް މައްސަލައެއްގެ ވާހަކަތައް ގެނެސްފައިވާކަމަށެވެ.
ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ހުރި ފެނަކަ އޮފީހަށް ހަދާލައިފައި އޮތް ގޮތް އޮޑިޓް ރިޕޯޓުން… އޮޑިޓް އޮފީހަކީ ވެސް މިނިވަން ތަނެއް.. ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ އެތާކަށް…
މިފަދަ މައްސަލަތައް ނުބެލި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ދައުލަތުގެ އެހެން ކުންފުނިތަކުގައި ވެސް މިފަދަ ގޮތްގޮތަށް ބާރުގެ ނާޖާއިޒު ބޭނުންކޮށްފައި ހުރިކަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން، ކުރިން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޖުޑިޝަރީއަށް މިހާރު ކަންކަން މަގުފަހިކޮށްދީފައިވާ ކަމަށާއި، މިކަން ގެންދަވަނީ ޤާނޫނީ ނިޒާމުގެ ތެރެއިންކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ ގެއްލިފައި ހުރި ފައިސާ ހޯދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކުރި ވައްކަންތައް އިހުލާސްތެރި ގޮތެއްގައި ބަލައި، އެސެޓްތައް ރިކަވާރކޮށް، އެކަމުގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭކަމަށެވެ.
މިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަންނަ މަހު މަޖިލީހުގެ އައު ދައުރު ހުޅުވޭއިރު، ފަރާތުން މަޖިލީހަށް ”އެސެޓް ރިކަވަރީ“ ބިލު ފޮނުވާނެ ކަމަށެވެ. އެއީ މިހާރު އޮތް ނިޒާމުގެ ތެރެއިން ވައްކަމާއި، ކޮރަޕްޝަނުގެ ކަންކަން ހޯދުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ އަނބުރާ ހޯދައި، ކޮރަޕްޝަނުގެ މައްސަލަތަކުގައި އަމަލަށް ބައްލަވައި، އިންސާފު ގާއިމުކުރައްވާނެ ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގައި ސިޔާސީ ނުވަތަ އެހެންވެސް ނުފޫޒަކަށް ފުރުސަތެއް ނޯންނާނެކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

