މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފުކުރަން ޖެހެއެވެ.
އެހެންކަމުނ އިންތިޚާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޑީޖޭއޭއިން ކުރި އިއުލާނެއްގައި ވަނީ ފާހަގަކޮށްފައެވެ.
ޑީޖޭއޭއިން ބުނީ، ރެކޯޑު ސާފުކުރެވެނީ ”އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސް“ އިން ކަމުގައިވީނަމަވެސް މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑް ޕޯޓަލްއަށް އަޅައި އަދާހަމަކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމުގައި ވާތީ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކުން ވަގުތު އޮއްވައި ހުށަހެޅުމަށް ސަމާލުކަން ދެއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ އިންތިޚާބާއި ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި 02 އޮކްޓޫބަރު 2025 ގެ 13:00 ގެ ފަހުން ހުށަހަޅުއްވާ ފަރާތްތަކުގެ ރެކޯޑު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.
ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅުއްވާނީ ޑީޖޭއޭގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އިސީން މިހާރު ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން އީސީން ވަނީ އަންގާފައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.

