މިހާރު ފެންމަތިވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމުގެ ނުހަނު ކުޑަ މިންވަރެއްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ނިމިދިޔަ ސަރުކާރުގައި ކުންފުނިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ހިޔާނަތްތަކެއް ވަނީ ފެންމަތިވެފައެވެ.
އެ ރިޕޯޓަށް އަލިއަޅުވާލައްވާ ފަލާހު ވިދާޅުވީ، މި ވާހަކަތައް އޭނާ ރައްޔިތުންގެ މަޖިލީހުގައިވެސް ދައްކަވާފައި ވާނެކަމަށެވެ.
ފަލާހު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ލިބުނުނަމަ، މިއަދު ދިވެހި ރައްޔިތުން ތިބޭނީ ނުކައި ނުބޮއި ކަމަށެވެ. އަދި ރައްޔިތުން ތިބެންޖެހޭނީ ކަނު އަނދިރީގައިކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، އޮކްޓޯބަރު 3 ގައި ބޮޑު އެއްވުން ބޭއްވުމަށް އެމްޑީޕީން ރާވަމުންދާއިރު، މިފަދަ ބޮޑެތި ވައްކަންތައް އެމްޑީޕީން ކޮށްފައިވާކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، ބޮޑު އެއްވުން ބާއްވަން އުޅެނީވެސް އެ ކަންކަން ފޮރުވައި، އާންމު ރައްޔިތުން މަގުތަކަށް ނެރެ ހަމަނުޖެހުން އުފެއްދުމުގެ މަޤްސަދުގައި ކަމަށެވެ.
ފަލާޙު ވިދާޅުވި ގޮތުގައި މިއީ ފެނަކަ ކުންފުނީގެ އޭރުގެ އެމްޑީ އަހުމަދު ސައީދު އެކަނި ކުރެއްވި ކަންކަމެއް ނޫނެވެ. އެގޮތުން އެމްޑީޕީގެ މުޅި ލީޑަރޝިޕަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
މިވައްކަންމީ ސައީދުއެކަނިކޮށްފައި އޮތްކަމެއްނޫން. އެމްޑީޕީގެ މުޅި ލީޑަރޝިޕަށް މި ފައިސާގަނޑުން ވަނީ ބައި އަޅާފަ. ސަޢީދުއެކަނި ބޮލަށް ކަނޑާލާފައި ރައްކާވާން ނޫޅޭ. އެމްޑީޕީ ގެކުރީގެ ބައެއްމަޖިލީސް މެމްބަރުން އެހެރީ ރިސޯޓްތަށް ހަދަން ރައްތަށް ގަނެ ބައެއްމީހުން ރިސޯޓް ހަދަންވެސް ފައްޓާފަ.
ފަލާޙު ވިދާޅުވީ، މިހާރު ފެންމަތިވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމުގެ ނުހަނު ކުޑަ މިންވަރެއް ކަމަށެވެ. އަދި ވިދާޅުވީ، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ޖެހިލުންވެވަޑައިގަންނަވާނެ ވަރުގެ ވައްކަންތަކެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީން ކޮށްފައިވާ މިފަދަ ކަންކަން ފަޅާއަރަމުންދާނެކަމަށް ފަލާޙު ވިދާޅުވިއެވެ.

