ރާއްޖޭގެ ދައުލަތުގެ ހަޒާނާއިން ވައްކަންކުރުމާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި މެދު މަޝްވަރާ ހިންގާ ފިޔަވަޅު އަޅަން މަތީ ފެންވަރުގެ ކޮންފަރެންސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދުގެ އޮފީހުން ނެރެފައިފައިވާ ބަޔާނެއްގައި ވަނީ އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލާ، ތަހުލީލުކުރުމަށް ކޮންފަރެންސެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މައުޖުތަމުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ އޮބްޒަރވަރުން ބައިވެރިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެންސްގައި މުވައްސަސާތަކާއި ސިޔާސީންގެ މެދުގައި ބިންވަޅުނެގިފައިވާ ކޮރަޕްޝަނގެ އަމަލުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ނަޒަރުހިންގާ، ބަލާ، ގަނޑަށް އެކަން ތިރިކުރެވިގެން ދާނެ ކަމަށެވެ. އެ އާދަކާދަ ބަދަލުކުރަން ބޭނުންވާ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެހީއާއި ހަރަކާތްތެރިކަމަށްވެސް އެ ކޮންފަރެންސް މެދުވެރިކޮށް ކަންކަން ފަހިކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާއި ގުޅޭ ކަމެއް ނޫން ކަމަށެވެ. އެއީ ވައްކަމުގައި ރައްޔިތުންގެ ކިބައިން ފޭރިގަނެވޭ ފުރުސަތާއި، އަބުރާއި އިއްޒަތާއި އަދި އިންސާފު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސަކީ ރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަ ކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް ކަމަށެވެ.
މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގޭނެ ކަމަށް ބަޔާނުގައިވެއެވެ. ލިޔެކިޔުން މުތޯލިޔާކޮށް، ބަލާ، ގާނޫނީ އިސްލާހުތަކާއި ދެފުށްފެންނަ އިޖުރާއަތުތަކާއި އުސޫލުތައް އަދި ބައިނަލްއަގުވާމީ އެހީެރިކަން ހޯދުމާއި ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ހިންގޭނެ ކަމަށް ވަނީ ބުނެފައެވެ.
މި މަސައްކަތުން ޖަވާބުދާރީވާ ވެރިކަމުގެ ފަރާތުން ބާރާއި ނުފޫޒު ނުފޯރުވޭ އަދި ސަރުކާރުތައް ބަދަލުވުމުން އުވާނުލެވޭނެ ފާރަވެރިވުމުގެ އޮނިގަނޑުތަކާއި އިޖުރާއަތުތައް ގާއިމްކުރމުގެ މަގަށް އަލި ކުރާނެ ކަމަށް ބަޔާޏުގައި ވަނީ ބުނެފައެވެ.
މި ކޮންފަރެންސްގައި، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިަކން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. މި ކޮންފަރެންސް ބާއްވާ ތަނާއި، ތާރީހާއި އަދި އެޖެންޑާއި ރެޖިސްޓްރީ ކުރާނެ ގޮތުގައި ތަފްސީލް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމުކުރާނޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

