ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަންފުޅު ހިމަނުއްވައިފިއެވެ.
ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓުގައި ޖުމްލަ ހަތް ބޭފުޅެއްގެ ނަން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ތެރޭގައި އިބްރާހިމް އަފީފު (ގުލްބަހާރުގެ/ބ.ތުޅާދޫ)، ޝިފާޒް އަލީ (ދަފްތަރު ނަންބަރު 12504)، ފާތިމަތު ނައުޝާން (ފިޔާތޮށިގެ/ޅ.ނައިފަރު)، އަޙްމަދު ޔާމީން (ބީޗްކޯނަރ/ގދ.ގައްދޫ) އަދި ޝައުފާ އިބްރާހިމް (އަކިރިވިލާ/ދ.މީދޫ) ހިމެނިވަޑައިގަންނަވައެވެ.
މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. މި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އާޝިޔާގެ ނަން ކުރިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ނިންމެވުން ބަދަލުކުރައްވައި އެހެން ބޭފުޅެއްގެ ނަން ފޮނުއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ލިސްޓުގެ އެންމެ ކުރީގައިވާ މަހާޒު އަލީ ޒާހިރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، މި އަހަރުގެ މޭ 14 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭސީސީން އެ މަނިކުފާނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މި ދެ މަޤާމަށް ހޮވޭ ބޭފުޅުން ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. އަދި އެ ކޮމިޓީން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ތަޅުމުން ވޯޓަށް އަހައި ފާސްކުރުމަށްފަހު އެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނެއެވެ.

