އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ކުރި ދަތުރުތަކަށްވާ 3.6 މިލިއަން ރުފިޔާ ނުދައްކާތީ، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްގެން ފައިސާ ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ދިގުލައިގެންދާތީ އައިލެންޑް އޭވިއޭޝަނުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެމްޑީޕީ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ދަތުރުތަކަށް މޯލްޑިވިއަންއަށް ދައްކަން ޖެހެނީ 5.6 މިލިއަން ރުފިޔާ އެވެ. ފައިސާ ނުދައްކާތީ، އުފެދުނު މައްސަލައިގައި ގާއިމު ކުރި ސެޓަލްމަންޓު އެގްރިމަންޓުގެ ދަށުން އެމްޑީޕީން ވަނީ އެއް މިލިއަން ރުފިޔާ އެ އެއާލައިނަށް ދައްކާފަ އެވެ. އެހެން ނަމަވެސް ދަތުރުތަކަށް ދޭން ޖެހޭ ބާކީ 3.6 މިލިއަން ރުފިޔާ އެ ޕާޓީން ދީފައި ނުވެއެވެ.
ސެޓްލްމަންޓު އެގްރިމަންޓާއި އެމްޑީޕީން ހިލާފުވެ ފައިސާ ދައްކަމުން ނުދާތީ، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްގެން ވިޔަސް ފައިސާ ނަގައިދިނުމަށް ކޯޓަށް ހުށަހަޅާފައިވާކަން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިޔާސް އިބްރާހިމް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
”ސަންގު“ އާއި ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ ފައިސާ ނުދައްކާ މި މައްސަލައަކީ، ގިނަ ދުވަސްވީ މައްސަލައެއް ކަމަށެވެ. އިޔާސް ވިދާޅުވި ގޮތުގައި ކުރިން ދެ ފަރާތުގެ ދެމެދުގައި ސެޓްލްމަންޓް އެގްރިމަންޓެއް ހަދައި، އޭގެ ދަށުން އެމްޑީޕީން އެއް މިލިއަން ރުފިޔާ ދެއްކި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ބާކީ ފައިސާ ނުދެއްކުމުން އެގްރިމަންޓު ވަނީ ބާތިލިވެފައި ކަމަށެވެ.
މި މައްސަލައައިގައި ސުވާލު ކުރުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ފައިސާ ދެއްކުމަށް ސެޓްލްމަންޓު އެގްރިމެންޓެއް އޮންނާނެކަމަށެވެ. އަދި އެއާއި އެއްގޮތަށް އެއް މިލިއަން ރުފިޔާ ވެސް ދައްކާފައިވާކަމަށާއި ބާކީ ފައިސާ ދެއްކިފައި ނުވަނީ ޕާޓީއަށް ދިމާވެފައިވާ މާލީ ދަތިތަކާއި ހުރެކަމަށެވެ.
ފައްޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ލިބެން ޖެހޭ ފައިސާ ނުލިބޭކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނަށް ދައްކާނެ ފައިސާއެއް ޕާޓީގެ ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އެންމެ ފުރަތަމަ ހުކުމްކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީވެ ހުށަހެޅި މައްސަލައެކެވެ.

