ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބާރުތައް ބޭނުންކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބާރުތައް ބޭނުންކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަންޑާރަ ނައިބު ހާޒިރުކޮށްފައިވާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ސުވާލުކުރީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) މުޒާހަރާގައި ބައިވެރިންނާއި ދެކޮޅަށް ބޭނުންކޮށްފައިވާއިރު، މި ހަތިޔާރު ބޭނުންކުރުމަށް އެއްވެސް ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް އޮވޭތޯއެވެ.

އުޝާމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ފުލުހުންގެ ބާރުތައް ބޭނުންކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އެހެންކަމުން އެލްއާރުއޭޑީ ބޭނުންކުރުމުގައި ސިޔާސަތުތަކެއް އެކުލަވާލާފައި އޮންނާނެކަމަށް ގަބޫލުކުރައްވާކަމަށް އުޝާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ޔަގީންނުވާކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި މީކާއީލް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައެޅުއްވިއެވެ.

އްލި މައްސަލައިގައި ވަނީ ފުލުހުން ހާލަތާއި ނުބައްދަލު ބާރާއި، ހަތިޔާރުގެ ބޭނުންކޮށްފައިވާކަމަށެވެ.

ގާނޫނުއަސާސީގައި މިނިވަންކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމް ދީނުގެ އަސްލަކާއި ހިޔާލު ނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތައް ދުލާއި ގަލަމުން، އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބެގެންވާކަމަށް ބަޔާންކޮށްފައި އޮންނަކަމަށް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ހުއްދައެއް ކުރިއާލާ ހޯދުމަކާއި ނުލާ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ބާރުވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށްވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެން އޮތްއިރު، ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަން ނަގަހައްޓާ ދިފާއުކުރުމުގެ ނިޔަތުގައި މިނިވަންކަމާއިއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއިއެކު އެއްވުމުގެ ގޮތުން އެމްޑީޕީއިން އިސް ނަގައިގެން ހުކުރު ދުވަހު ގިނަ އަދަދެއްގެ ރައްޔިތުންޏާއިއެކު މާލޭގައި ސުލްހަވެރި ސިޔާސީ އެއްވުމެއް ބާއްވާފައިވާކަމަށްވެސް މީކާއީލްގެ ކުއްލި މައްސަލައިގައިވެއެވެ. އެހެން ނަމަވެސް އެއްވުމަށް ހުރަސް އެޅުމަށްޓަކައި ފުލުހުން މެދުވެރިކޮށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާކަމަށާއި، އެއްވުމުގެ ސުލްހަވެރިކަން ގެއްލުވާލުމަށްޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އެކި ފަހަރުތަކުގެ މަތިންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި އެއްވުން ރޫޅާލުމުގެ މަގްސަދުގައި ގަނޑިއިރެއްހާއިރު، މެދުނުކެނޑި ބާރު ބާރު އަޑު އިއްވާ ހަތިޔާރެއް ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށް ކުއްލި މައްސަލައިގައި ވަނީ، އެއީ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ކަމަށެވެ. މި އާލާތް ބޭނުންކޮށްފައިވަނީ އާންމު ގޮތެއްގައި ބޭނުންކުރާ ގޮތަށް ނޫންކަމަށްވެސްވެއެވެ. އެގޮތުން މިއީ އެއްވުންތަކުގެ ބައިވެރިންނަށް އިންޒާރުދީ، އިއުލާންތައް ކުރަން ފެށުމުގެ ކުރިން އެންމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މެދުކެނޑުމެއް ނެތި، އަޑު އިއްވާ އެއްޗެއްކަމަށްވެއެވެ.

މި ހަތިޔާރުގެ ސަބަބުން ފެންނަން ހުންނަ އަނިޔާއެއް ނުލިބުނު ނަމަވެސް، ނަފްސާނީ ގޮތުންނާއި، މީހުންގެ އަޑު އިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑުކަމަށާއި، މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރުވުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ބޭރުގެ ސިއްހީ ޖަމިއްޔާތަކުންވެސް ކަނޑައަޅާފައިާކަމަށް ފާޙަގަކޮށްފައިވެއެވެ. މި ހަތިޔާރު ހުއްޓުމެއްނެތި މުޒާހަރާގައި ބޭނުންކޮށްފައިވާތީ، އެއްވުމުގެ ބައިވެރިންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކަންފަތަށް ތަދުވެ، ބޮލުގައި ރިއްސުންފަދަ ބަލިތައް ތަހައްމަލު ކުރަން ޖެހިފައިވާކަމަށް މީކާއީލްގެ ހުށައެޅުއްވި ކުއްލި މައްސަލައިގައިވެއެވެ. ކުޑަކުދިންނަށް ނަފްސާނީ ގޮތުން އުނދަގޫވެގެންވެސް ފަރުވާ ހޯދަމުންދާކަމަށްވެސްވެއެވެ.

މި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އޮތުން މުހިންމުކަމަށާއި، ޕެޕާ ސްޕްރޭއާއި، ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ ގޮތުގެ އުސޫލުތައްވެސް ތައާރަފުކުރެވެން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ. މި އާލާތް ބޭނުންކުރިއިރު، އެ ބޭނުންކުރާނެ ގޮތުގެ އެއްވެސް އުސޫލެއް ނެތުމަކީ އެއްވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުންނާއި ދެކޮޅަށް އެ އާލާތް ބޭނުންކުރަން ލިބޭ ފުރުސަތެއްކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ. ކުއްލި މައްސަލައިގައި ތަކުރާރުކޮށް ފާހަގަކޮށްފައިވަނީ ފުލުހުން މި އާލާތް ބޭޏުންކުރީ ގާނޫނާއި ހިލާފަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: