ސަރުކާރުން ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ކުރިއެރުންތައް ލިބޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ށ މާއުނގޫދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މާއުނގޫދޫގެ ސިއްޙީމަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށް ސަރުކާރުން ގަސްތުކުރާ ކަމަށާއި، 24 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރުމަކީ ބޮޑެތި ލުއިފަސޭހަތަކެއް އެކަމުން ލިބިގެންދާ ސަބަބެއް ކަމަށެވެ.
މީގެ އިތުރުން، މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުރިއަށް ނުގޮސް ހުއްޓިފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެކަމުގެ ބައެއް އަދާހަމަ މައުލޫމާތުތައްވެސް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ މަޝްރޫއަކީ އަމިއްލަ ކުންފުންޏަކާ ޙަވާލުކުރި މަޝްރޫއެއް ކަމަށާއި، ދެބައިކުޅަ އެއްބައި ނިމިފައިވާ މަޝްރޫއެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއު އިތުރަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން ސަރުކާރުން މިހާރު އެމްޑަބްލިއުއެސްސީއާ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ވަރަށް އަވަހަށް މި މަޝްރޫއު ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުމުން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން އެދިފައިވާ ގޮތަށް ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެ ރަށުގައި ކުރުމަށް ނިންމާފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ. ރައީސް ވިދާޅުވާ ގޮތުގައި އެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެއެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގައި އައު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއިން ކޮންމެ މަޝްރޫއެއް ނިމިގެން ދިއުމުން ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ކުރިއެރުންތައް ލިބޭނެ، މާއުނގޫދޫގެ ތަރައްޤީގައި ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން ފުރިހަމަވާނެ
ރައީސް ވަނީ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ގެންދަނީ އަތޮޅު ތެރޭގައި ހިނގަމުންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

