ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ 40 އަހަރުގެ މީހަކު ހދ. ހަނިމާދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މީޑިއާއަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައި އަހުމަދު އަޒުމީ ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އޭނާ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އަޒުމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

