ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަ ކޮށްފިއެވެ.
މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މީގެ ކުރީގައި ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000 ރުފިޔާގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500 ރުފިޔާއެވެ. މިހާރު މި އަދަދު ވަނީ 7،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިކަން އަންގާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސަރކިއުލާއެއްގައެވެ. އެގޮތުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ގައުމީ ޓީމުތަކުގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން 7،000 ރުފިޔާގެ އިނާޔަތް ދިނުމަށެވެ. އެހެން ނަމަވެސް މެއި މަހުން ފެށިގެން މިހާ ހިސާބަށްވެސް އިނާޔަތް ދެމުން އައީ ކުރީގެ އަދަދުތަކުންނެވެ. އެހެންކަމުން ކޮންމެ މަހަކަށް ޖެހޭ 7،000 ރުފިޔާ އިން އެތުލީޓުންނަށް އިތުރަށް ދޭނީ ކޮންމެ މަހަކަށްވާ 2،000 ރުފިޔާ އާއި، އޮފިޝަލަކަށް އިތުރުވާބައިން ދޭނީ ކޮންމެ މަހަކަށް ޖެހޭ 4،500 ރުފިޔާއެވެ.
މިހާރު މި ފައިސާ ޖަމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ބޮޑު ކުރި 7،000 ރުފިޔާ ޖުމުލަ އަދަދު އެކުގައި ޖަމާކުރަން ފަށާނީ މިދިޔަ މަހު 15 އިން ފެށިގެން ތައްޔާރުކުރާ ”މުސާރަ ޝީޓުން“ ކަމަށްވެސް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.
”ގައުމީ ކުޅިވަރު ފަންޑު“ ގެ ނަމުގައި ފަންޑެއް ގާއިމުކުރުމަށްވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ހުށަހެޅުއްވި، ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ ދިވެހި ކުޅުންތެރީންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމަށްޓަކައި ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށް މައުލޫމާތުދީފައިވެއެވެ.

