ރީޖަނަލް ސްޕޯޓްސް އެސޯސިއޭޝަންތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ޙަވާސާއެއްގައެވެ.
މިނިސްޓަރ ރާފިއު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތައް ހިމެނޭގޮތަށް ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ. އަދި މި ޕްލޭންގެ އޮނިގަނޑު އެކުލަވާލައި، އެ އޮނިގަނޑުގެ ބައިތައް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ބައެއް ކަންތައްތައް މިހާރު ވަނީ ތަންފީޒުކުރަން ފެށިފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ވަނީ ސްޕޯޓްސް ފަންޑު ޤާއިމްކުރެވި، އެ ފަންޑު ހިންގުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.
”އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް ތަރުހީބު ލިބުނު. އެސޯސިއޭޝަންތަކާއި މުވައްސަސާތަކާއި މިނިސްޓްރީއާއި އެންމެން އެކުވެގެން ކުރި ކަމެއް މިއީ،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އަތޮޅުތަކުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މަސައްކަތް ވެސް ފެށިގެންދާނެއެވެ. މިގޮތުން ފުޓުބޯޅަ މުބާރާތްތައް އަތޮޅުތަކުގައި ބޭއްވުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިފަދަ މުބާރާތްތަކުން މޮޅެތި ކުޅުންތެރިން ފާހަގަވެ، އެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސްޕޯޓްސް ފަންޑުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލުތަކުގައި ފިޓްނަސް ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުޅިވަރު ދާއިރާއަށް ކުރިއެރުން ލިބޭނީ މިފަދަ ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

