މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު ހޯދިފައިވާކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ދެއްވި މައުލޫމާތުގައިވާ ގޮތުން، ގެއްލިފައިވާ ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެމެދު ސަރަހައްދުން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ބަންޑުންޖަހާލާފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެކެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފަރާތުން ވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހެއްގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކުރިން ކަނޑުގެ އަޑިން ނަގާފައެވެ.
އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ބަންޑުންވި ލޭންޑިންގ ކްރާފްޓް ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. އަދި މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

