އޮޅުވާލައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާތީ ސެންޓަރ އެންޓަރޕްރައިސަސްއިން، ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސްއެއް ހަދައި ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓު އޮފީހުން ލަފާ ދީފި އެވެ.
އޮޅުވާލައިގެން ދައުލަތާއި ދައުލަތުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ”ސެންޓަރ އެންޓަރޕްރައިސަސް“ ކުންފުނިން މަސައްކަތްކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެހެންވެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައި ވަނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން، 2008 ވަނަ އަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް (ޑީއެމްއެސް) އަށް ސެންޓަރ އެންޓަރޕްރައިސަސްއިން ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ސިވިލް ކޯޓަށް އެ ކުންފުނިން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މި ދައުވާގައި 5,149,451 ޑޮލަރާއި، 2,011,511 ޑޮލަރު ލިބިފައިވާކަމަށް ބުނެ، އެ ފައިސާ ނުލިބުމުން ކުންފުނިން ޖޫރިމަނާގެ ގޮތުގައި 3,137,940 ޑޮލަރު ހޯދުމަށް އެދިފައިވެއެވެ
ރިޕޯޓުގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތަކުގައި ސޮއިކޮށްފައިވާ ”އައިޝަތު ޙަލީމް“ ގެ ނަމުގައި، އެ ދުވަސްވަރު ޑީއެމްއެސްގައި ނުވަތަ މިނިސްޓްރީގައި އެއްވެސް މަގާމެއްގައި އެއްވެސް މީހަކު ވަޒީފާ އަދާކޮށްފައިނުވާކަން ރިޕޯޓުން ހާމަވާ ކަމަށެވެ. އަދި، ”އައިޝަތު ހަލީމް“ ބޭނުންކޮށް އެކި ނަންނަމުގައި، ޑީއެމްއެސްގައި އަދި ހެލްތު މިނިސްޓްރީގައި ވެސް ސޮއިކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވިވާކަމަށް ވެއެވެ.
ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބޭންކް ގެރެންޓީ ކޮޕީއެއްގައި ވެސް ފޯމެޓާ ތަފާތުކޮށް މައްސަލަތަކެއް ހުރިކަން ރިޕޯޓުގައި ފާހަގަގަކުރި އެވެ. އެގޮތުން 2007 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް 150,000 ޑޮލަރުގެ ގެރެންޓީއެއް ދޫކުރިކަމަށް ބުނާ ގެރެންޓީގެ ނަންބަރެއްކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކޯޓަށް ހުށަހެޅި ގެރެންޓީގައި މި ނަންބަރު ލިޔެފައިވުމުން، ދައުވާ ސާބިތުކުރުމަށް ބޭންކުން ހުށަހެޅި ގެރެންޓީގެ މައުލޫމާތު ތަފާތުކަން ރިޕޯޓުގައި ވެއެވެ.
ޑީއެމްއެސްއާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ސޮއިކޮށްފައިވާކަމަށް ބުނާ އެއްބަސްވުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ރިޕޯޓުން ފެންމަތި ކުރި އެވެ.
ރިޕޯޓުގައި ބުނި ގޮތުގައި ސެންޓަރ އެންޓަރޕްރައިސަސްއަކީ މީގެ ކުރިން ވެސް ދައުލަތުގެ ކުންފުނިތަކަށް ފޯރުކޮށްދިން މުދަލަށް ފައިސާ ލިބިފައިވަނިކޮށް، ފައިސާ ލިބިފައިނުވާކަމަށް ބުނެ، ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކުންފުންޏެއް ކަމަށެވެ. އެގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭ.ސީއެލް) އަށް ފަޔަރ ވެހިކަލެއް ފޯރުކޮށްދިނުމަށް 2008 ވަނަ އަހަރު އެމްއޭ.ސީއެލްއާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން، އެ ވެހިކަލްގެ އަގަށްވާ 1,356,650 (1.3 މިލިއަން) ޑޮލަރު ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބިފައިވީ ނަމަވެސް، 2022 ވަނަ އަހަރު އެ ކުންފުނިން އެމްއޭސީއެލްއަށް ފޯރުކޮށްދިން ވެހިކަލްގެ އަގު ހޯދުމަށް ދައުވާ ހުށަހެޅިކަން ފާހަގަކުރި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ސެންޓަރ އެންޓަރޕްރައިސަސްއިން ކޯޓުތަކަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް ފޯޖްކޮށްފައިވާކަމަށް ބެލެވެއެވެ.
އެގޮތުން އެންވަޔަރަންމަންޓަށް ބޭނުންވާ ކަޅުހަން ފޯރުކޮށްދިނުމުގެ މަސައްކަތް ސެންޓަރ އެންޓަރޕްރައިސަސްއާ 2007 އަދި 2008 ގައި ވެވުނު އެއްބަސްވުންތަކުގެ ދަށުން ޖުމްލަ 7,048 ކަޅުހަން ހަވާލުކުރުމާ ގުޅިގެން، ބޭންކް އޮފް ސިލޯނުގައި ހުޅުވި ޖުމްލަ 27,059,168 (27.05 މިލިއަން) މިލިއަން ރުފިޔާގެ 12 ލޯކަލް އެލްސީގެ ދަށުން އެ ފައިސާ ދައްކާފައިވާކަމަށް ބެލެވުނު ނަމަވެސް، 26,347,318 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްއިން މައްސަލަ ހުށަހަޅާފައިވާކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓުން އެނގޭ ގޮތުގައި، ހެލްތުގައި މިނިސްޓްރީގައި ސެންޓަރ އެންޓަރޕްރައިސަސްއިން މަސައްކަތް ކުރި މުއްދަތަކީ 2006 އަދި 2010 އާ ދޭތެރޭގައި އެ ކުންފުނިން ޑީއެމްއެސްއަށް އެކި ފަހަރު މަތިން މުދާ ފޯރުކޮށްދީފައިވާކަމަށް ބުނާ މުއްދަތެކެވެ. އަދި، ޑީއެމްއެސްގައި މަސައްކަތް ކުރި ދެ މުވައްޒަފެއް ސެންޓަރ އެންޓަރޕްރައިސަސްގެ ހިއްސާދާރުންގެ ގޮތުގައި ތިބިކަމާއި، ކޯޓަށް ހުށަހަޅާފައިވާ އެހެން ދަޢުވާއެއްގައި ހިމެނޭ ބިޑް އިވެލުއޭޝަން ސަމަރީ ސީޓެއްގައި މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފަކާއި، ޑީއެމްއެސްގެ މުވައްޒަފެއް ސޮއިކޮށް އެޕްރޫވްކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަަލަތައް ފާހަގަކޮށް ރިޕޯޓުގައި ބުނީ، ސެންޓަރ އެންޓަރޕްރައިސަސްއިން ހޯދުމަށް ދައުވާކުރާ ފައިސާއާ ގުޅޭ އިންވޮއިސްތަކަކީ ސައްހަ އިންވޮއިސްތަކެއް ކަމަށް ނުބެލެވޭކަމަށެވެ. އަދި ކުންފުނީގެ އޮޑިޓް ކުރެވިފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓްތަކުން ވެސް މިފަދަ ބޮޑެތި އަދަދުތަކުގެ ފައިސާ ލިބެންޖެހޭކަން އެނގޭނެ ގޮތެއް ނެތްކަމަށް ވެއެވެ. މިހެންކަމުން، އޮޅުވާލައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭ މި މައްސަލަތަކުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާދީފައެވެ.

