2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނަގާފައިވާއިރު، އެ 2 ކޮންޓެއިނަރުގެ ބައިތައް މިހާރު ހޯދިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ، އެ 2 ކޮންޓެއިނަރުގެ ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިންވެސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އިތުރު މީހަކު 2025 އޮކްޓޯބަރ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފްއާއި، މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީގެ އިތުރުން، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

