ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ފަންޑަކީ ވަކި މަގްސަދެއްގައި އުފައްދާފައިވާ ފަންޑެއް، އެހެންކަމަކަށް ބޭނުންކުރުން ރަނގަޅެއް ނޫން: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން ފަންޑަކީ ވަކި މަގްސަދެއްގައި އުފައްދާފައިވާ ފަންޑެއްކަމަށާއި، މި ފަންޑުގެ ފައިސާ އެހެން ކަންކަމަށް ހޭދަކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ޕެންޝަން ފައިސާ ދިނުމުގެ އުމުރު ހަމަނުވިޔަސް އެ މީހަކީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަންޖެހޭ މީހެއް ނަމަ، ޕެންޝަން ފައިސާ ދޫކުރެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި މި އިސްލާހު މަޖިލީހުން މިހާރު ވަނީ ބޭރުކޮށްލާފަ އެވެ.

މި އިސްލާހު މިގޮތަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިހާރު ގާނޫނުގައިވާ ގޮތުން ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދު ކުރުމަށް ދޫކުރެވޭނީ ޕެންޝަން ލިބޭ އުމުރު ހަމަވުމުންނެވެ. ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ އުމުރު ހަމަނުވިޔަސް ދާއިމީ ބައްޔެއް ތަހައްމަލު ކުރަންހެހިފައިވާނަމަ، އެ މީހުންގެ ބޭސްފަރުވާއަށް ފައިސާ ދޫކުރެވޭ ގޮތަށެވެ.

ބިލު މަޖިލީހުން ބޭރުކޮށްލީ، 52 މެމްބަރުންގެ ވޯޓާއި އެކު އެވެ.

ޕެންޝަނުގެ ފައިސާގެ މައްސަލައިގައި ކަންބޮޑުވުންތައް ވަރަށް ގިނައިން އާންމު ރައްޔިތުން ހިއްސާ ކުރެ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ދެކެނީ ނިޒާމު އޮތް ގޮތުން މިއީ ގެންނަން ރަނގަޅު ބަދފަލެއް ނޫންކަމަށެވެ.

މި މައްސަލައިގެ ބަހުސްގައި އަޒާން ވިދާޅުވެފައި ވަނީ، ޕެންޝަން ފަންޑުގެ ފައިސާ އެކިއެކި ބޭނުންތަކަށް ހަރަދުކުރާނަމަ ރިޓަޔާމަންޓް އުމުރަށް ދާއިރު އެ ފަންޑުގައި ފައިސާއެއް ނުހުންނާނެކަމަށާއި، މިގޮތަށް އަމަލުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

އަޒާން ވިދާޅުވީ، ޕެންޝަން ގާނޫނަށް ހުށަހެޅި މި އިސްލާހަކީ ވަރަށް ރަނގަޅު މަގުސަދެއްގައި ހުށަހަޅާފައި އޮތް އިސްލާހެއްކަން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް، ޕެންޝަން ފަންޑުގެ ފައިސާ އެކިއެކި ކަންތައްތަކަށް ހަރަދުކުރަން ފެށިއްޖެނަމަ، ރިޓަޔާމަންޓަށް ދާއިރު އެ ފަންޑުގެ ފައިސާ ނުހުންނަ ހިސާބަށް ކަންތައްތައް ގޮސްދާނެކަމުގެ ބިރު އެބައޮތްކަން ފާހަގަކުރެއްވިއެވެ.

އަޒާން އިޝާރާތްކުރެއްވިގޮތުގައި ޕެންޝަން ފަންޑަކީ ދައުލަތުގެ ސޯޝަލް ސެކިއުރިޓީ ނިޒާމުގެ އެއް ބައެވެ. އޭގެ އިތުރަށް އާސަންދަ، އެންސްޕާ އަދި އެހެނިހެން ސަރުކާރުގެ ސޯޝަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން ބޮޑެތި ބަލިތަކާއި ޓާމިނަލް އިލްނެސްތަކަށް ދައުލަތުން ހޭދަކުރާނެ އިންތިޒާމުތައް ހުރެއެވެ. އަޒާން ވިދާޅުވީ، މިހާރު ދިމާވެފައިވާ މައްސަލައަކީ ބޮޑެތި ބަލިތަކަށް ޖެހޭ މީހުންނަށް، ނޫނީ ޓާމިނަލް އިލްނެސްތަކަށް ވެސް އެންސްޕާ އަދި އާސަންދައިން ހަރަދުކުރަންޖެހޭ ގޮތަށް ހަރަދު ނުކުރެވޭތީ މިފަދަ ބިލުތައް އަންނަން ޖެހުމެވެ.

މިހާރު އަސްލު ޖެހިފައި މި އޮތް މައްސަލައަކީ، ބޮޑެތި ބަލިތައްޖެހޭ މީހުން އަދި ޓާމިނަލް އިލްނެސް ނޫން ނަމަވެސް އެންސްޕާ، އާސަންދައިން އެ ހަރަދު ކުރަންޖެހޭ ގޮތަށް ހަރަދު ނުކުރެވޭތީ މިފަދަ ބިލުތައް އަންނަން މި ޖެހެނީ… އެންސްޕާ، އާސަންދަ ހަރުދަނާކޮށްގެން އަޅުގަނޑުމެންނަށް މިކަމަށް ހައްލެއް ލިބިދާނެ… ކުޑަކުޑަ މިސާލެއް.. މީގަ މިއޮތް ގޮތުން، ޓާމިނަލް އިލްނެސް އެ ދިމާވާ މީހަކަށް، މަރުބަލީގައި އޮންނަ މީހަކަށް، ޕެންޝަން ފަންޑު ބޭނުން ކުރެވޭ ގޮތަށް ސަޖެސްޓް ކުރަނީ.. އެހެންނަމަވެސް، ކޮބައިތޯ ކާކުތޯ ޑިސައިޑު ކުރަނީ އެ ޓާމިނަލް އިލްނެސްއެއްކަން.. ވަރަށް ގިނަ ފަހަރު ހަމަ މަރުބަލީގައި ކަމަށް އެ ބުނާ މީހަކު ވަރަށް ގިނަ ދުވަހު ވެސް ﷲގެ ރަހުމަތްފުޅުން ދުނިޔޭގައި އެބަ ހޭދަކުރޭ ދުވަސްތައް.. އެހެންވެއްޖިއްޔާ، އެ 5 އަހަރަށް މިސާލަކަށް އޭނަ އެ ހޭދަކުރީ އެ މުއްދަތުގައި… އެ 5 އަހަރުވެފައި އޭނަ ރިޓަޔާމަންޓް އޭޖަށް ގޮއްސިއްޔާ ދެން ރިޓަޔާވާއިރު އެ ބޭނުންކުރަން ހުންނަ ލާރިއެއް ނުހުންނާނެ… އެހެންވީމާ އެހާ ސަސްޓެއިނަބަލް ކަމެއް ނޫން ޕެންޝަން ފަންޑުގެ ފައިސާ މިގޮތަށް ބޭނުން ކުރުމަކީ، އެއީ ޕެންޝަން ފަންޑަކީ، ވަރަށް ސްޕެސިފިކް ކަމަކަށް އުފައްދާފައި އޮތް ފަންޑެއް… ރިޒަޔާމަންޓް އޭޖަށް ދިޔައިމަ އަބުރުވެރިކަމާއެކު އެހެން ބަޔަކަށް ބަރޯސާނުވެ ދައުލަތަށް ބަރޯސާނުވެ މުސްކުޅިއުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ގޮތަށް ގާއިމުކުރެވިފައި އޮތް ފަންޑެއް. އެހެންވީމާ، އެ ފަންޑު އެގޮތަށް މިހެން

އެހެންކަމުން އެންސްޕާ އާސަންދަ ހަރުދަނާކޮށްގެން މިކަމަށް ހައްލު ހޯދޭނެކަމަށް އަޒާން ވިދާޅުވި އެވެ. މިސާލެއް ނަންގަވައި އަޒާން ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޓާމިނަލް އިލްނެސްއެއް ދިމާވާ މީހަކަށް، ނުވަތަ މަރުބަލީގައި އޮންނަ މީހަކަށް ޕެންޝަން ފަންޑު ބޭނުންކުރެވޭ ގޮތަށް ހުށަހެޅިފައިވާއިރު، އެއީ ޓާމިނަލް އިލްނެސްއެއްކަން ނިންމާނީ ކޮންފަރާތަކުންކަން އޮތް ސުވާލެވެ.

އަޒާން އިތުރަށް ވިދާޅުވީ، ޕެންޝަން ފަންޑުގެ ފައިސާ މިގޮތަށް ބޭނުންކުރުމަކީ ސަސްޓެއިނަބަލް ނުވަތަ ދެމެހެއްޓެނިވި ގޮތެއް ނޫންކަމަށެވެ. ޕެންޝަން ފަންޑަކީ ވަރަށް ހާއްސަ ކަމަކަށް އުފައްދާފައި އޮތް ފަންޑެއްކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ރިޓަޔާމަންޓް އުމުރަށް ދާއިރު، އެހެން ބަޔަކަށް ނުވަތަ ދައުލަތަށް ބަރޯސާނުވެ، އަބުރުވެރިކަމާއެކު މުސްކުޅި އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. އެހެންކަމުން، އެ ފަންޑުގައި މިގޮތަށް އަތްލުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އަޒާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: